ޗައިނާގެ މޭންޑް ސްޕޭސް އޭޖެންސީ (ސީއެމްއެސްއޭ) އިން ތައްޔާރުކުރި، ޗައިނާއިން ހަނދަށް ފޮނުވާ އެސްޓްރޯނޯޓުން ލާނެ ސްޕޭސްސޫޓުގެ ބޭރު ފުށުގެ ޑިޒައިން ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ. މި ސްޕޭސްސޫޓަށް ނަމެއް ހޯދުމަށް ޢާންމުންގެ ފަރާތުން ހުށަހެޅުންތައް ހޯދުމަށްވެސް އެ އޭޖެންސީން ވަނީ ހުޅުވާލާފައެވެ.

މި ސްޕޭސްސޫޓު ދައްކާލާފައިވަނީ ޗައިނާގެ ޗޮންގްޗިން ސިޓީގައި ބޭއްވި ތިންވަނަ ސްޕޭސްސޫޓް ޓެކްނޮލޮޖީ ފޯރަމްގައެވެ. ހުދު ކުލައިގެ މި ސޫޓުގައި ރަތް ފަށްތަކެއް އަޅާފައިވެއެވެ.

ސީއެމްއެސްއޭއިން ދައްކާލި ވީޑިއޯއެއްގައިވާ ގޮތުން، މި ސްޕޭސްސޫޓު ހަދާފައިވަނީ އެސްޓްރޯނޯޓުންނަށް ހަނދުގެ ހޫނުކަމާއި ހަނދުގެ ކުނޑިން ރައްކާތެރިކަން ދޭ މެޓީރިއަލްތަކުންނެވެ. އަދި މި ސޫޓުގައި ފަސޭހައިން ބޭނުންކުރެވޭ މަލްޓިފަންކްޝަނަލް އިންޓެގްރޭޓެޑް ކޮންޓްރޯލް ޕެނަލަކާއި، ކައިރިންނާއި ދުރުން ވީޑިއޯ ނެގޭނެ ކެމެރާތަކެއް ވެސް ހަރުކޮށްފައިވެއެވެ.

މީގެ އިތުރުން، މި ސްޕޭސްސޫޓުގައި ވަނީ ފްލެކްސިބަލް އަދި އިތުބާރުހުރި އަންގި ޖޯޑުތަކަކާއި، ޕެނޮރަމިކް ގްލެއާ - ޕްރޫފް ހެލްމެޓް ވައިޒާއަކާއި، ދަށް ގްރެވިޓީގެ މާޙައުލަކަށް އެކަށޭނަ ޖޮއިންޓުތަކެއް ހިމަނާފައެވެ. މުޅި ސްޕޭސްސޫޓުގެ ޑިޒައިން ވަނީ ލުއި، އަދި ހަނދުގެ މަތީގައި ހިންގާ ހަރަކާތްތަކަށް އެކަށޭނަ ގޮތަށް ފަރުމާކޮށްފައެވެ.

ޗައިނާގެ ފުރަތަމަ އަދި ދެވަނަ ޖީލުގެ ފެއިޓިއަން އެކްސްޓްރާވެހިކިއުލާ ސްޕޭސްސޫޓުތަކުން ވަނީ 17 އެސްޓްރޯނޯޓުންނަށް 17 އެކްސްޓްރާވެހިކިއުލާ ހަރަކާތެއް ފުރިހަމަކުރުމަށް އެހީތެރިވެދީފައިވާކަމަށް ޗައިނާ އެސްޓްރޯނޯޓް ރިސާޗް އެންޑް ޓްރެއިނިން ސެންޓަރުގެ ލިއު ޑޮންގްޔުއޭ ވިދާޅުވިއެވެ.

ޗައިނާއިން ވަނީ މޭންޑް ލޫނާ އެކްސްޕްލޮރޭޝަން ޕްރޮގްރާމްގެ ހަނދަށް ދިއުމުގެ މަރުޙަލާ ފަށާފައެވެ. އަދި 2030ވަނަ އަހަރާ ހަމައަށް ހަނދަށް އިންސާނުން ފޮނުވުމަށް ރޭވިފައިވެއެވެ. ހަނދަށް ފޮނުވާ ސްޕޭސްސޫޓުގެ ބޭރުފުށުގެ ޑިޒައިން ހާމަކުރުމަކީ މި ޕްރޮގްރާމްގެ ކާމިޔާބީއެއްކަމަށާއި، އަދި އެ ޤައުމުގެ ސްޕޭސްސޫޓް ޓެކްނޮލޮޖީގެ އައު މަރުޙަލާއެއްގެ ފެށުންކަމަށް ރިޕޯޓްތައް ބުނެއެވެ.