އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލް އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު އާސެނަލް އިން ކާމިޔާބު ކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ އިތުރު ވަގުތުގައި ކާމިޔާބު ކުރި ދެ ލަނޑާއެކު ހަތަރު ލަނޑު ދެ ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލް އިންނެވެ. މިގޮތުން މިމެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ އާސެނަލް އިންނެވެ.

މިލަނޑު މެޗުގެ 20ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ގެބްރިއެލް މާޓިނެއްލީއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ލިއާންޑްރޯ ޓްރޮސާޑް ކާމިޔާބު ކޮށްދިން ލަނޑާއެކު އާސެނަލްއިން އެޓީމުގެ ލީޑު ފުޅާކުރިއެވެ. މިލަނޑާއެކު ފުރަތަމަ ހާފު ނިމިގެން ދިޔައީ އާސެނަލް އިން ދެ ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.

މިމެޗުގެ ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފަށް ލެސްޓާ ނިކުތީ ކުޅުން ރަނގަޅުކޮށް މިމެޗުން ނަތީޖާއެއް ނެރުމުގެ އަޒުމާއެކުއެވެ. މިގޮތުން ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނެޓުގައި ލެސްޓާއިން ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ޖަހާފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޭމްސް ޖަސްޓިންއެވެ. އަދި މެޗުގެ 63ވަނަ މިނެޓުގައި ޖަސްޓިން ކާމިޔާބު ކޮށްދިން ދެވަނަ ލަނޑާއެކު ލެސްޓާއިން ފަހަތުން އަރާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިއާއެކު އާސެނަލް އިން ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް އިތުރު ކުރި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތު ދެއްކި އިރުވެސް މިނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

މިއާއެކު މިމެޗު އެއްވަރު ވެގެން ނިމިދާނެކަމަށް ގިނަ ބަޔަކަށް ހީވެގެންދިޔަ ނަމަވެސް ހިތްވަރު އެލުވާނުލާ އާސެނަލްގެ ކުޅުންތެރިން މަސައްކަތް ކުރަމުންދިޔުމުގެ ނަތީޖާއަކަށްވީ މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓްގައި އާސެނަލްއިން މެޗުގެ ލީޑު އަނެއްކާ ނެގުމެވެ.

ނަމަވެސް މިލަނޑަކީ ޓްރޮސާޑް ގޯލަށް ފޮނުވާލި ބޯޅައެއް މަތަކުރަން ލެސްޓާގެ ކީޕާ މެޑްސް ހާމަންސަން ކުރި މަސައްކަތުގެ ތެރޭގައި ވިލްފްރެޑް އެންޑީޑީ ގައިގާ ޖެހިފާ ބައިކޮޅަށް ވަން ގޯލެކެވެ. އަދި އާސެނަލްގެ ފަހު ލަނޑު އިތުރު ވަގުތުގެ ނުވަވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ކައި ހަވާޓްޒްއެވެ.

މިކާމިޔާބީ އާއެކު އާސެނަލް އިން މިވަނީ ތާވަލްގެ އެއްވަނައިގައި އުޅޭ މެންޗެސްޓާ ސިޓީއާ ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފައެވެ. އެއީ 14 ޕޮއިންޓް ލިބި ނަމަވެސް ޖަހާފައިވާ ގޯލަށް ބަލާއިރު ފައިދާ އެއް ގޯލުގެ ތަފާތުން ސިޓީއަށް ކުރި ލިބޭތީއެވެ. އަދި ލެސްޓާ އުޅެނީ ތިން ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.