ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ސިނާއަތްތަކާއި އިތުރުވަމުން އަންނަ ގޭބިސީތަކުން އުފައްދަމުން އަންނަ ކުނި ބުނީގެ މައްސަލަ އެވެ.

ރައްކާތެރި ގޮތަކަށް ކުނި ނައްތާ ނުލެވުމުގެ ސަބަބުން ރާއްޖޭގެ ފަރުތަކާއި ފަޅުތަކަށް ލިބެމުންދާ ގެއްލުން ތިލަފުށީގެ ވަށައިގެންވާ ސަރަހައްދަށް ބަލާލިއަސް ފެނެ އެވެ.

ކަންތައްތައް މިހެން ހުރި އިރު ރައްޔިތުންގެ އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވަމުންދާ އެއް މިނިސްޓްރީ އަކަށް އަބަދުވެސް ވެފައި އޮންނަނީ ތިމާވެށްޓާ ބެހޭ މިނިސްޓްރީ އެވެ. ނަމަވެސް ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތްތައް ރާވައި ހިންގުމުފެ ޒިންމާ އުފުލަމުން އަންނަ އެންވަޔަރްމަންޓް އެންޑް އެނާޖީ މިނިސްޓްރީ އިން މިހާރު އަންނަނީ އެ މިނިސްޓްރީގެ ޒިންމާ ރަނގަޅަށް އުފުލާ ކަން ސާބިތުކޮށްދެމުންނެވެ. މިދިޔަ އެއްމަސް ދުވަހުގެ ތެރޭގައި ފެށި މަޝްރޫއުތަކަށް ބަލާ އިރު އެކަން ސާބިތުވެ އެވެ. މޯލްޑިވްސް އެންވަޔަރަންމަންޓް މެނޭޖްމަންޓް ޕްރޮޖެކްޓް (މެމްޕް)ގެ ނަމުގައި މުޅި ރާއްޖެ އަށް އަމާޒުކޮށްގެން ފަށާފައިވާ ބޮޑު މަޝްރޫއުގެ ތެރޭގައި ހިމެނޭ މިމަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތައް އަމަލީ މަސައްކަތާ ހަަމައަށް އައިސްފައިވާ އިރު އަނެއްބައި މަޝްރޫތައް ވަނީ ޕްލޭން ކުރުމާ ހިސާބުގަ އެެވެ.

މިމަހުގެ 16 ވަނަ ދުވަހު ރ. ދުވާފަރުގައި އިފްތިތާހު ކުރި ހަތަރު އަތޮޅެއްގެ ކުނި ނައްތާލުމުގެ 6.5 މިލިޔަން ޑޮލަރުގެ މެގަ ޕްރޮޖެކްޓާއި މި މަހުގެ 20 ވަނަ ދުވަހު އއ. އުކުޅަހުގައި ފެށި ކޮމްޕޮސްޓިން (ކާދު އުފެއްދުމުގެ) މަޝްރޫއު އާއި މި މަހުގެ 23 އަދި 24 ވަނަ ދުވަހު ކ. ތުލުސްދޫގައި ހިންގި އިންޓަގްރޭޓެޑް އިންލޭންޑް ވޭސްޓް މެނޭޖްމެންޓް ޕްލޭން ހެދުމުގެ މަސައްކަތަކީ ފާހަގަ ކޮށްލެވޭ މިފަދަ މަޝްރޫއުތަކެވެ.

ދުވާފަރުގައި ފެށި ނ. ރ، ބ، ޅ، މި ހަތަރު އަތޮޅުގެ ކުނި ނައްތާލުމުގެ މަޝްރޫއުގެ ދަށުން، އެ ހަތަރު އަތޮޅުގައި އުފެދޭ ކުނި އިންސެނެރޭޓްކޮށް، ރައްކާތެރި ގޮތެއްގައި ނައްތާލާނެ ރަށެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެ މަޝްރޫއު ނިމޭ އިރު ރ. ވަންދޫ ވެގެންދާނީ ހަތަރު އަތޮޅުގެ ކުނި ތިމާވެއްޓަށް ގެއްލުން ކުޑަ ގޮތަކަށް ނައްތާލާ މަރުކަޒަކަށެވެ. މަޝްރޫއު ފުރިހަމަ ވެގެންދާ އިރު ހަތަރު އަތޮޅުގެ ރަށްތަކުން ވަންދުއަށް ކުނި ގެންދިއުމަށް ކުރަން ޖެހޭ ދަތުރުފަތުރުގެ އިންތިޒާމް ވެސް ހަމަޖެހިގެންދާނެ ކަަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ބުންޏެވެ.

މިހަގެ 16 ވަނަ ދުވަހު އއ. އުކުޅަހުގައި ފެށި ކޮމްޕޮސްޓިންގ (ކާދު އުފެއްދުމުގެ) މަޝްރޫއަކީ މެދު އާބާދީއެއް އޮންނަ ރަށެއްގައި އުފެދޭ ފަސޭހައިން ނެތިދާ ކުނި ނައްތާލުމަށް އެންމެ ފައިދާ ހުރި އެއްގޮތެވެ.

މެމްޕް އާއި ކްލައިމެޓް ޗޭންޖް ޓްރަސްޓް ގުޅިގެން ފެށި އެ މަޝްރޫއުގެ ދަށުން ކޮމްޕޯސްޓް ހެދުމަށްޓަކައި ކާނާގެ ބާވަތްތަކުގެ ކުންޏާއި ފަތްކުނި އެއްކޮށް މަސްހުނިކޮށް ޕައިލް ކުރުން އެދުވަހު އުކުޅަހުގައި އޮތެވެ. އެ ޕައިލްތައް ކުރިޔަށް އޮތް އަށް ހަފްތާގައި ހަފްތާޔަކު އެއްފަހަރު ފުށުން ޖަހާ، ކޮމްޕޯސްޓް ނުވަތަ ކާދު ތައްޔާރު ވަންދެން ބެލެހެއްޓޭނެ އެވެ.

ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި އަމިއްލަ ގޮތުން ވެސް ވަރަށް ޝައުގުވެރިވެލައްވާ ބޭފުޅެއް ކަމަށްވާ، ވަރލްޑް ބޭންކުގެ ކޯ ޓާސްކް ޓީމް ލީޑަރު ޑރ. ސުމިތް ޕިލަޕިޓިޔާ ފައްޓަވައި ދެއްވި އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ވާލްޑް ބޭންކުގެ އެންވަޔަރަންމަންޓް ސްޕެޝަލިސްޓް ޑަރްޝަނީ ޑި ސިލްވާ ވަނީ އެހީތެރިވެވަޑައިގެންފަ އެވެ.

"މި މަސައްކަތް ފެށުނީ އުކުޅަހުގެ ރަށު ކައުންސިލްގެ ވަރަށް ބޮޑު ޝައުގުވެރިކަމަކާއި އެއްބާރުލުމަކާއި އެކުގަ އެވެ. އެ ކައުންސިލްގެ ފަރާތުން ވަނީ މިހާރު ވެސް އެރަށުގެ ކުނި މެނޭޖްކުރުމުގެ ގޮތުން ހަތަރު މުވައްޒަފުންނާއި އަދި ކުނި އުފުލުމަށް ޕިކަޕެއް ބޭނުންކުރަން ފަށާނެ،" އެންވަޔަރްމަންޓް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް އޮފިސަރު އަހުމަދު ޔާސިރު ވިދާޅުވި އެވެ.

ކޮމްޕޯސްޓްކުރުން ކުރިއަށް ގެންދާނެ ގޮތް ދައްކަވައިދެއްވުމުގެ ގޮތުން ޑރ. ސުމިތް ހިންގެވި ތަމްރީނު ދިނުމުގެ ސެޝަންގައި އުކުޅަހުގެ ކުނި މެނޭޖްކުރާ މުވައްޒަފުންނާއި އަދި ކައުންސިލްގެ ފަރާތުން ކުނި މެނޭޖްކުރުމުގެ ކަންތަކާ ހަވާލުވެ ތިއްބަވާ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ކޮމްޕޯސްޓް ހެދުމަށްޓަކައި ކާނާގެ ބާވަތްތަކުގެ ކުންޏާއި ފަތްކުނި އެއްކޮށް މަސްހުނިކޮށް ޕައިލް ކުރުން އެދުވަހު އުކުޅަހުގައި އޮތެވެ.

"ޕައިލްތައް ކުރިޔަށް އޮތް އަށް ހަފްތާގައި ހަފްތާޔަކު އެއްފަހަރު ފުށުން ޖަހާ، ކޮމްޕޯސްޓް ނުވަތަ ކާދު ތައްޔާރު ވަންދެން ބެލެހެއްޓޭނެ، އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިގެން، ފުށުން ޖަހަމުން ގެންދާ ނަމަ ވަހެއް ނުއުފެދޭނެ، އަދި މެހީގެ އުނދަގުލެއް ވެސް ނުޖެހޭނެ،" ޑރ. ސުމިތް ވިދާޅުވި އެވެ.

ޔާސިރު ވިދާޅުވީ މިއީ ރާއްޖޭގައި މިގޮތަށް ކުނި މެނޭޖްކުރުމަށް ކޮމްޕޯސްޓް ކުރެވޭ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިގޮތުގައި ކޮމްޕޯސްޓް ކުރުން އެކަށީގެންވާ ގޮތުގައި ކުރިޔަށް ގެންދެވޭ ނަމަ ރަށްރަށުގައި ކާނާގެ ކުނި މެނޭޖްކުރުމުގެ އިތުރުން ވިޔަފާރީގެ ގޮތުގައި ވިއްކޭ ވަރަށް ވެސް ކާދު އުފެއްދޭނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

"އުކުޅަހުގައި ތަޖްރިބާ މިކުރެވޭ މަސައްކަތްތައް ކައިރިއަށް އޮތް މުސްތަޤްބަލެއްގައި އުތުރު ސަރަޙައްދުގެ ހަތަރު އަތޮޅުގައި މެމްޕްގެ ދަށުން ފެށޭނެ،" ޔާސިރު ވިދާޅުވި އެވެ.

މިމަހުގެ 23 އަދި 24ގައި ހިންގި ޕްރޮގްރާމްގެ ފުރަތަމަ ދުވަހު ހިންގި ކ. ތުލުސްދޫގެ ކުނި ނައްތާލުމުގެ ޕްލޭން އެކުލަވާލުމުގެ ޕްރޮގްރާމްގެ ދަށުން 23 ވަނަ ދުވަހު މާލޭގައި އޮތް ބައްދަލުވުމުގައި ކުނި މެނޭޖްކުރުމުގެ ބޭނުންތެރިކަމާއި އަދި ރަށު ފެންވަރުގައި ޕްލޭން ހަދާއިރު ބަލަންޖެހޭ އެކި ބައިތަކަށް ބަލައި، ބައިވެރިންގެ މެދުގައި ހޭލުންތެރިކަން އުފެއްދި އެވެ. ތުލުސްދޫ ކައުންސިލާއި ކ. އަތޮޅު އަތޮޅު ކައުންސިލް ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ދެވަނަ ދުވަހު، ތުލުަސްދޫގައި ކުނި އުފައްދާ ފަރާތްތަކާއި ބެހޭ މަޢުލޫމާތު އެއްކޮށް ، އެ ރަށުގައި ކުނީގެ ހާލަތު އޮތްގޮތް ބަލައި ދިރާސާ ކުރި އެވެ. އެއަށް ފަހު ތުލުސްދޫގައި ކުނި މެނޭޖްކުރުމުގައި އިސްކަން ދޭންޖެހޭ 11 މަޤްސަދެއް ފާހަގަކޮށް، އެ މަޤްސަދުތަކާ ގުޅޭ ހަރަކާތްތައް ރޭވި އެވެ.

"އޭގެ އިތުރުން، ހަމަ އެ ދުވަހު، ތުލުސްދޫގެ އެންވަޔަރަންމެންޓަލް މެނޭޖްމަންޓް ޕްލޭން ހެދުމަށް ބޭނުންވާ މަޢުލޫމާތު ވެސް މެމްޕްގެ މުވައްޒަފުން އެއްކުރި. އެގޮތުން ތުލުސްދޫގެ ގޮނޑުދޮށާއި ރަށުތެރޭގެ އެކި ހިސާބުތައް އަދި ކުނި ކޮށްޓަށް ޒިޔާރަތްކޮށް މަޢުލޫމާތު އެއްކުރި،" ޔާސިރު ވިދާޅުވި އެވެ.

ކުނި ނައްތާލުމުގެ މި މަޝްރޫއުތަކުގެ ގިނަ މަސައްކަތްތަކެއް ކުރީގެ ސަރުކާރުން ވެސް ވަނީ ކޮށްފަ އެވެ. އޭރުގެ އެންވަޔަރްމެންޓް މިނިސްޓްރީން ވެސް އެ މަސައްކަތް ކޮށްފައި ވަނީ ހީވާގި ކަމާ އެކުގަ އެވެ. އެގޮތުން ހަތަރު އަތޮޅުގެ ކުނި ނައްތާލުމުގެ ބޮޑު މަޝްރޫއުގެ ހުރިހާ ދިރާސާތަކެއް ކޮށް، އެ މަސައްކަތް ކުރާނެ ރަށެއް ވެސް ކަނޑައަޅާފައި ވަނީ އޭރުގެ ސަރުކާރުންނެވެ. އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވަމުން އެންވަޔަރްމެންޓް އެންޑް އެނަޖީ މިނިސްޓަރު މަރިޔަމް ޝަކީލާ ވެސް އެކަން ފާހަގަ ކުރެއްވި އެވެ.

"މިމަޝްރޫގެ ދަށުން ވަރަށް މުހިއްމު ދިރާސީ މަސައްކަތްތަކެއް މިހާތަނަށް ވަނީ ފުރިހަމަކުރެވިފައި، މިގޮތުން ކުނި މެނޭޖް ކުރުމުގެ ސަރަހައްދީ ނިޒާމެއްގައި ބައިވެރި ވުމަށް ރަށްތަކުން އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމާއި ސަރަހައްދީ ނިޒާމަކަށް އެންމެ އެކަށީގެންވާ ޓެކްނޮލޮޖީއާ، ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖްކުރާ ނިޒާމް ގާއިމް ކުރާނެ ރަށެއް ކަނޑައަޅުމާ، ކުނި އުފައްދާ ފަރާތްތަކުގެ އަތުން އަގެއް ނަގައިގެން މިނިޒާމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާ ގުޅޭ ދިރާސާއެއް 2011ގެ ނިޔަލަށް ވަނީ ފުރިހަމަ ކުރެވިފައި،" މަޝްރޫއު އިފްތިތާހު ކުރެއްވުމަށް ފަހު ޝަކީލާ އެދުވަހު ވިދާޅުވި އެވެ.

ތިމާވެށި ހިމާޔަތް ވެގެންދާ ފަދަ ގޮތަކަށް ކުނި ނައްތާލުމުގެ މަޝްރޫއުތައް އެންވަޔަރްމެންޓް މިނިސްޓްރީ މެކުހަށް ޖަހާފައި ވާއިރު، ކުނި ނައްތާލުމާއި ކުނިން ތިމާވެށި ހިމާޔަތް ކުރުމަކީ ހުރިހާ އެންމެންގެ ޒިންމާއެއްކަން ގަބޫލުކުރަން ޖެހެއެވެ. އެއީ ވަކި މިނިސްޓްރީއެއް، ނުވަތަ ސަރުކާރުގެ ވަކި އިދާރާއެއްގެ މަސައްކަތެއް ނޫނެވެ. ތިމާވެށްޓަށް ލިބޭ ގެއްލުންތައް ލިބެނީ ވެސް އެންމެންގެ ސަބަބުން ކަަމަށް ވާތީ އެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން، ދެމެހެއްޓެނިވި ގޮތެއްގައި، ރަނގަޅު ފެންވަރުގައި ހިދުމަތެއް ކުރިއަށް ގެންދެވޭނީ ކުނި އުފައްދާ ފަރާތްތަކުން ވެސް މިއީ ވެސް ޒިންމާއެެއްކަން ދަނެގެން، ހެޔޮގޮތުގައި ނައްތާލުމުގެ ހަރަދުން ބައެއް ނަންގަވަިއގެން." ހަތަރު އަތޮޅުގެ މެގަ ޕްރޮޖެކްޓް އިފްތިތާހުކޮށްދެއްވަމުން މިނިސްޓަރު ޝަކީލާ ވިދާޅުވެފައިވެ އެވެ.