28 Sep 2024, 20:49
އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާން އާއި އޭސީ މިލާން ވެސް އެދެޓީމުގެ މެޗު ކާމިޔާބު ކޮށްފިއެވެ.
އިންޓާއިން ކާމިޔާބު ހޯދާފައިވަނީ މިރޭ އުދިނޭސީއާ ބައްދަލު ކުރި މެޗު ތިން ލަނޑު ދެ ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓާއިންނެވެ. މިމެޗު އިންޓާއިން ފެށީ ވަރަށް ފޯރީގައެެވެ. މިގޮތުން މެޗުގެ ފުރަަތަމަ މިނެޓުގައި އިންޓާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑޭވިޑް ފްރަޓޭސީއެެވެ. ނަމަވެސް އުދިނޭސީގެ ކްރިސްޓިއަން ކަބަސޭލޭ މެޗުގެ 35ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑާއެކު އެޓީމުންވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މިމެޗުގެ ލީޑު އިންޓާއިން ދެވަނަ ފަހަރަށް ނަގާފައިވަނީ ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކެޕްޓަން ލައުޓާރޯ މާޓިނޭޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއާއެކު މިމެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ލަނޑު އެއް ލަނޑުން އިންޓާ ކުރީގައި އޮވެގެންނެވެ.
މިމެޗުގެ ދެވަނަ ހާފު އިންޓާއިން ފަށާފައިވަނީ ފުރަތަމަ ހާފު ނިންމާލި ހިސާބުންނެވެ. މިގޮތުން މިހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި އިންޓާއިންވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ދެވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިން މާޓިނޭޒްއެވެ. މިމެޗުގައި އުދިނޭސީން ވަނީ މެޗުގެ 83ވަނަ މިނެޓުގައި ލަނޑެއް ޖަހާ ދެޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށް މެޗުގެ ނިމުން ފޯރިގަދަ ކޮށްލާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލޮރެންޒޯ ލޫކާއެވެ.
މިކާމިޔާބީއާއެކު އިންޓާ އުޅެނީ ހަ މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އަދި އުދިނޭސީ އުޅެނީ 10 ޕޮއިންޓާއެކު 4 ވަނައިގައެވެ.
އެގާރަ ޕޮއިންޓް ލިބި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ކުރި ލިބޭ އޭސީ މިލާން އާއި ލެއްޗެ ބައްދަލުކުރި މެޗު މިލާން އިން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ސުން ލަނޑުންނެވެ. މިލާންގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 38ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާއެވެ. އަދި ތިއޯ ހެނާންޑޭޒްވަނީ މެޗުގެ 41ވަނަ މިނެޓުގައި މިލާންގެ ލީޑު ފުޅާކޮށްދީފައެވެ.
ފަހު ލަނޑު މެޗުގެ 43ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކްރިސްޓިއަން ޕުލިސިޗްއެވެ. މިމެޗުގެ 80ވަނަ މިނެޓުގައި މިލާންގެ ޑެވިޑް ބާޓެޝާގީއަށްވަނީ ރަތް ކާޑު ދައްކާފައެވެ. މިމެޗުން ބަލިވުމުން ލެއްޗެ އުޅެނީ ފަސް ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.