ފްރެންޗް ލީގު އާންގައި އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން އާއި ރެން ބައްދަލުކުރި މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީންނެވެ. މިމެޗުގައި ޕީއެސްޖީން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 30ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޑްލީ ބާކޯލާއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ވެސް ލިބުންކަން ފާހަގަ ވެގެންދިޔައެވެ.

މިމެޗުގައި ޕީއެސްޖީން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 58ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލީ ކާންގް އިން އެވެ. އަދި އެޓީމުގެ ފަހު ލަނޑު މެޗުގެ 68ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ބާކޯލާއެވެ. މިމެޗުގައި ރެން އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 75ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަމައުޑް ކަލިމުއެންޑޯއެވެ.

މިކާމިޔާބީއާއެކު ޕީއެސްޖީ އުޅެނީ މިހާތަނަށް ކުޅުނު ހަ މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު ތާވަލްގެ އެއްވައިގައެވެ. އަދި ރެން އުޅެނީ ހަތް ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައެވެ.

މިމުބާރާތުގައި އޮޒެއާ އާއި ބްރެސްޓް ބައްދަލުކުރި މެޗު ތިން ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ އޮޒެއާއެވެ. މިމެޗުގައި އޮޒެއާއިން ކާމިޔާބު ކުރި ތިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެލިޝާ އޮވޫސޫ އާއި ޖުބާލް އަދި ހާމިދު ޓްރައޯރޭއެވެ. މިކާމިޔާބީ އާއެކު އޮޒެއާ އާއި ބްރެސްޓް އުޅެނީ ހަ ޕޮއިންޓާއެކު 12 އަދި 13 ވަނައިގައެވެ.