28 Sep 2024, 19:37
އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ނިއުކާސްލް ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.
ނިއުކާސްލްގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. މިމެޗު ވެގެންދިޔައީ ސިޓީގެ މެދުތެރޭގެ މައި އެއް ތަނބުކަމުގައިވާ ރޮޑްރީއަށް އަނިޔާވި ފަހުން އެޓީމު ކުޅުނު ފުރަތަމަ މެޗަށެވެ.
މިމެޗުގައި ރޮޑްރީގެ މަގާމު އަދާކޮށްފައިވާ ރީކޯ ލުއިސް އާއި މަޓިއޯ ކޮވޮސިޗް ގުޅިގެންނެވެ. އަދި މިމެޗުގައި މިދެ ކުޅުންތެރިންގެ ފަރާތުންވަނީ ރަނގަޅު ކުޅުމެއްވެސް ފެނިފައިވެއެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފާވަނީ ސިޓީއިންނެވެ. މިލަނޑު މެޗުގެ 35ވަނަ މިނެޓުގައި ޖެކް ގްރީލިޝް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ ޖޮސްކޯ ގުވަޑިއޯލްއެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔަކަން ފާހަގަ ވެގެންދިޔައެވެ. މީގެތެރެއިން ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ނިއުކާސްލްގެ ކީޕާ ނިކް ޕޯޕް ބެކުން ޖެހި ބޯޅަ ސިޓީގެ ކުޅުންތެރިންނަށް ލިބިގެން އުފެއްދި ހަމަލާގައި އިލްކައި ގުންޑޮގާންއަށް ލިބިގެންދިޔަ ފުރުސަތު ފާހަގަ ވެގެންދިޔައެވެ.
މިމެޗުގެ ދެވަނަ ހާފު ނިއުކާސްލްއިން ފެށީ އިތުރު ހިތްވަރަކާއެކުއެވެ. މިގޮތުން މިހާފުގައި ނިއުކާސްލްއިން އުފައްދަމުންދިޔަ ހަމަލާތަށް ދިފާއުކުރުމުގައި އުނދަގޫ ތަކަކާއި ކުރިމަތިވިކަން ފާހަގަ ވެގެންދިޔައެވެ. މިގޮތުން ނިއުކާސްލްއިން މިމެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ 58ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. ސިޓިގެ ކީޕާ އެޑަސަން އެންތަނީ ގޯޑަންއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ވެސް ގޯޑަންއެވެ. މިމެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި މެޗުން މޮޅުވުމުގެ ފުރުސަތު ދެޓީމަށް ވެސް ލިބި ބޭކާރުވިތަން ފެނިގެންދިޔައެވެ.
މިމެޗު އެއްވަރު ވުމާއެކު ސިޓީ މިވަގުތު އުޅެނީ ހަ މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. ނަމަވެސް މިމެޗު އެއްވަރު ވުމާއި ގުޅިގެން މިރޭ ލިވަޕޫލް ރަށުން ބޭރުގައި ވުލްވަހެމްޕްޓަން ވޮންޑަރާސް އާއި ދެކޮޅަށް ކުޅޭ މެޗާއި އެސްޓަން ވިލާ ކުޅޭ މެޗު އެދެޓީމް ކާމިޔާބު ކޮށްފިނަމަ ސިޓީ ތާވަލްގެ ތިންވަނައަށް ވެއްޓުމުގެ ފުރުސަތު އެބައޮތެވެ. އަދި ނިއުކާސްލް އުލެނީ 11 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގައެވެ.