ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިސްރާއީލުން ދިން ހަމަލާތަކަށް ފަހު ހިޒްބުاللهގެ ލީޑަރު ޙަސަން ނަޞްރުالله އަވަހާރަކޮށްލައިފައިވާކަން އެ ޖަމާއަތުން ކަށަވަރުކޮށްދީފިއެވެ.

ހިޒްބުﷲ އިން ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައި އެގޮތަށް ބުނީ، ނަޞްރުﷲ އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލު ސިފައިން ބުނެފައިވަނިކޮށެވެ.

އިސްރާއީލުން އަވަހާރަކޮށްލަފާނެ ކަމުގެ ބިރު އޮތުމުން އާންމު ތަންތަނުން ނުފެންނަތާ އަހަރުތަކެއް ވެފައިވާ ނަޞްރުالله އަކީ މެދުއިރުމަތީގެ އެންމެ މަޝްހޫރު އަދި އެންމެ ނުފޫޒުގަދަ އެއް ޝަހުސިއްޔަތެވެ.

ނަޞްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން ލުބުނާނުން އިސްރާއީލަށް ދެން ދޭނީ ކިހާވަރެއްގެ ރައްދެއްކަން ސާފު ނުވާ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ހިޒްބުﷲއާ ގާތް މީހަކާ ހަވާލާދީ އަލް އަހްރަމް ނޫހުން ބުނީ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން ނަޞްރުاللهއާ ގުޅުން ކެނޑިފައިވާ ކަމަށެވެ.

ބެއިރޫތުގެ ދެކުނަށް މިވަގުތު ވެސް ވައިގެ ހަމަލާތައް ދޭއިރު، މިއަދުވެސް ހެނދުނުން ފެށިގެން އިސްރާއީލުން އަންނަނީ ލުބުނާނަށް ހަމަލާ ދެމުންނެވެ.

ހޯމަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 800 މީހުން ވަނީ މަރުވެފައެވެ.