ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ސްޕޭން އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ ޕޯޗުގަލް ކެޓިމެޗުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެންމެ ފަހު އަދި ފަސްވަނަ ޕެނަލްޓީ ޖަހަން މަޑުކުރުމުން އެކަމަށް ލުއިސް ނާނި ރައްދު ދީފި އެވެ.

ނަމަވެސް ޕޯޗުގަލް އަތުން ސްޕޭން ބަލިވީ ޕޯޗުގަލް އަށް ފަސްވަނަ އަދި ފަހު ޕެނަލްޓީ ޖަހަން ފުރުސަތު ނުލިބި އެވެ. އެއީ ޕޯޗުގަލްގެ ފުރަތަމަ ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އަށް ނާކާމިޔާބުވެ ސްޕޭނުން ޖެހި ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން އެންމެ ޕެނަލްޓީ އެއް ފިޔަވައި އެހެން ހުރިހާ ޕެނަލްޓީ އެއް ކާމިޔާބުވުމުންނެވެ. މިހެންވެ ޕޯޗުގަލް އަށް ފަސްވަނަ ޕެނަލްޓީ ޖަހަން ފުރުސަތު ނުލިބުނީ އެ ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް އެ ގައުމު މޮޅުނުވާނެތީ އެވެ.

ރޮނާލްޑޯއާ އެކު މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅެފައިވާ ނާނި ބުނީ ރޮނާލްޑޯ ބޭނުންވަނީ އޭނާގެ ގޯލަކުން މޮޅުވާން އެކަނި ކަމަށާއި ޕެނަލްޓި ޖަހަން ނުގޮސް މިހާރު އޭނާ ހަދަނީ ދޮގު ކަމަށެވެ.

"އަހަރެން ކޯޗު ގާތު ބުނީ ކޮންމެ އޯޑަރެއް ވެސް އަހަންނަށް ރަނގަޅޭ. އެއީ ޕެނަލްޓީ އަކީ ނަސީބުގެ އެއްޗެއް. ކޮންމެ މީހަކަށް ވެސް އޮންނާނީ ދެ ގޮތް. ނަސީބު އެހީވުމާއި ނުވުން. ރޮނާލްޑޯ ބޭނުންވީ ފަހު ޕެނަލްޓީ ޖަހަން. އެކަމަކު މި ގޮތަށް (ފަހު ޕެނަލްޓީ ޖަހަން ފުރުސަތު ނުލިބި) އަހަރުމެން ބަލިވުމަކީ ގަބޫލު ކުރެވޭ ކަމެއްނޫން. ޗެމްޕިއަނުންނާ ދެކޮޅަށް އަހަރުމެން މޮޅަށް ކުޅުނިން" ޕޯޗުގަލްގެ ތިން ވަނަ ޕެނަލްޓީ ކާމިޔާބުކޮށްދިން ނާނި ބުންޏެވެ.

މި މައްސަލާގައި ޕޯޗުގަލްގެ ކޯޗު ޕައުލޯ ބެންޓޯ ބުނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ޕެނަލްޓީ ޖަހަން ނުދިޔައީ ޕެނަލްޓި ޖެހުމުގައި ޕްލޭނެއް އޮތުމުން ކަމަށާއި ފަސް ވަނަ ޕެނަލްޓީ ޖަހަން ފުރުސަތު ލިބުނުނަމަ ރޮނާލްޑޯ ޖަހާނެ ކަމަށެވެ.