28 Sep 2024, 14:24
އިންޑިއާގެ ބައެއް ފިލްމުތަކުގެ އައިޓަމް ސޯންގްތަކުން ފެނިފައިވާ ޓެލެވިޒަން ބަތަލާ މޯނީ ރޯއި ރާއްޖެ އަތުވެއްޖެއެވެ.
މިއަދު އުމުރުން 38 އަހަރު ފުރުނު ބަތަލާ ރާއްޖެއަށް ކުރި މި ދަތުރަކީ އުފަންދުވަހާ ގުޅުވައިގެން އެ ދުވަސް ފާހަގަކުރުމަށް ކުރި ދަތުރެކެވެ.
މޯނީއާ އެކު މި ދަތުރުގައި މޯނީގެ ފިރިމީހާ ސޫރަޖް ނަމްބިއާ އާއި ދެ މީހުންގެ ބައެއް އެކުވެރިން ވެސް ބައިވެރިވިއެވެ. މޯނީގެ ހަޔާތުގެ މި ހާއްސަ ދުވަސް ފާހަގަކުރުމަށް ކުރި ދަތުރުގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ފަސް ތަރީގެ ރިޒޯޓެއް ކަމަށްވާ ކޮކޯ ޕާމް ބޮޑު ހިތީގައެވެ.
މޯނީ ވަނީ ކޮކޯ ޕާމް ބޮޑު ހިތި ރިޒޯޓުގައި ޗުއްޓީ ހޭދަކުރަމުން އަންނަ ފޮޓޯތަކެއް ސޯޝަލް މީޑީއާގައި އާއްމުކޮށްފައެވެ.
މީގެކުރިން ވެސް މޯނީ ވަނީ އެކި ފަހަރުމަތިން ޗުއްޓީ ދަތުރުތަކަށް ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މި އަހަރުގެ ކުރީކޮޅުން ފެށިގެން އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު މަދުވެފައި ވަނިކޮށް ފަހަކަށް އައިސް އެ ޤައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަންނަނީ ގިނަވަމުންނެވެ. ހާއްސަކޮށް އިންޑިއާގެ ފިލްމީ ތަރިންގެ މެދުގައި ރާއްޖެއަކީ ވަރަށް މަގުބޫލު މަންޒިލެކެވެ.

މޯނީ ރޯއި މިހާރު ޗުއްޓީ ހޭދަކުރަމުން އަންނަ ކޮކޯ ޕާމް ބޮޑު ހިތި ރިސޯޓުގައި--ފޮޓޯ/ޕިންކްވިލާ
ކަލަސް ޗެނަލްއިން ގެނެސްދިން މަގުބޫލު ސީރީސް "ނާގިން"އިން ބޮޑު މަޝްހޫރުކަމެއް ހޯދި ބަތަލާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ މާޗް މަހު ޑިޒްނީ ހޮޓް ސްޓާގައި ރިލީޒްކުރި ސީރީސް "ޝޯ ޓައިމް"އިންނެވެ. މޯނީ އެންމެފަހުން ކުޅުނު ފިލްމަކީ މި އަހަރުގެ ޖޫން މަހު ރިލީޒްވި ބްލްކެ ކޮމެޑީ ތުރިލަ ފިލްމު "ބްލެކް އައުޓް"އެވެ.