29 Sep 2024, 15:41
ތްރައިވް ކެޕިޓަލްއިން އޯޕަންއޭއައިއަށް އެއް ބިލިއަނަށްވުރެ ގިނަ ޑޮލަރު އިންވެސްޓްކުރަން ނިންމައިފިއެވެ.
އެމެރިކާގެ ނިއުޔޯކް ސިޓީގައި މައި އޮފީސް ހުންނަ ވެންޗާ ކެޕިޓަލް އަދި ޕްރައިވެޓް އިކުއިޓީ ކުންފުންޏެއް ކަމަށްވާ ތްރައިވް ކެޕިޓަލްއަށް ލިބޭ ޚާއްޞަ ފުރުޞަތެއްގެ ދަށުން މި ފައިސާ އިންވެސްޓްކުރަން ނިންމާފައިވާއިރު، އޯޕަންއޭއައިގެ އާމްދަނީ މި އަހަރު 3.7 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އޯޕަންއޭއައިގެ އާމްދަނީ އަންނަ އަހަރު 11.6 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، މި އަހަރު ފަސް ބިލިއަން ޑޮލަރުގެ ގެއްލުން ވެދާނެ ކަމަށް ވެސް ބެލެވެއެވެ. މި ގެއްލުމުގެ ބޮޑު ބައެއް ބިނާވެގެންދާނީ ކޮމްޕިއުޓިން ޕަވާއަށް ކުރާ ޚަރަދުގެ މައްޗަށެވެ.
މި ފަންޑިން ރައުންޑް ނިމޭއިރު އޯޕަންއޭއައިގެ ވެލުއޭޝަން 150 ބިލިއަން ޑޮލަރަށް އަރާފާނެ ކަމަށް ބައެއް ދިރާސާވެރިން ލަފާކުރައްވައެވެ. މިއާ އެކު، އޯޕަންއޭއައި ދުނިޔޭގެ އެންމެ އަގު ބޮޑު ޕްރައިވެޓް ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏަށް ވާނެއެވެ.
ތްރައިވް ކެޕިޓަލްގެ އިތުރުން މި ފަންޑިން ރައުންޑްގައި މައިކްރޯސޮފްޓް، އެޕަލް، އެންވިޑިއާ އަދި ކޯސްލާ ވެންޗާސް ފަދަ ބޮޑެތި ކުންފުނިތަކުން ބައިވެރިވެއެވެ. ނަމަވެސް، މިހާރުގެ އަގުގައި އިތުރަށް އިންވެސްޓްކުރުމުގެ ފުރުޞަތު ލިބިފައިވަނީ ހަމައެކަނި ތްރައިވް ކެޕިޓަލްއަށެވެ.
އޯޕަންއޭއައިގެ ފްލެގްޝިޕް ޕްރޮޑަކްޓް ކަމަށްވާ ޗެޓްޖީޕީޓީގެ އާމްދަނީ މި އަހަރު 2.7 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ. މިއީ މިދިޔަ އަހަރު ލިބުނު 700 މިލިއަން ޑޮލަރާ އަޅައި ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. ޗެޓްޖީޕީޓީގެ ޚިދުމަތަށް މަހަކު 20 ޑޮލަރު ދައްކާ 10 މިލިއަން ޔޫޒަރުން ތިބި ކަމަށް ވެއެވެ.
އޯޕަންއޭއައިގެ މި ކުރިއެރުމުން ދައްކުވައިދެނީ އާޓިފިޝަލް އިންޓެލިޖެންސް ދާއިރާގައި އޯޕަންއޭއައިގެ ދައުރު އިތުރަށް ފުޅާވަމުން އަންނަ މިންވަރެވެ. އަދި، މި ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރާކަން ވެސް ހާމަވެއެވެ.