30 Jun 2012, 07:30
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށަަ ސްޕޭނާއި އިޓަލީ މާދަމާ ރޭ ނުކުންނައިރު ދެ ގައުމުގެ ތާރީހް އިޓަލީ ކޮޅަށް ބުރަވެއްޖެ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ސްޕޭން ތަށި ފދިފާއު ކޮށްފިނަމަ އެ ގައުމު ވަނީ ޔޫރޯ އަކަށް ފަހު ވޯލްޑް ކަޕް އަދި އެއަށްފަހު ޔޫރޯ ކާމިޔާބު ކުރާ ފުރަތަމަ ގައުމަށެވެ. އަދި ޖެހިޖެހިގެން ބޮޑު ތިން މުބާރާތެއް ކާމިޔާބުކުރާ ފުރަތަމަ ގައުމަށްވެސްމެ އެވެ.
ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީ އަށް ޔޫރޯ ތަށި ނުލިބޭތާ މިހާރު 44 އަހަރުވެއްޖެ އެވެ. އެމީހުން އެންމެ ފަހުން ފައިނަލް ކުޅުނީ 2000 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލްގައި ބަލިވީ ފްރާންސް އަތުން 2-1 އިންނެވެ.
ބައިނަލް އަގްވާމީ ފުޓްބޯޅައިގައި މި ދެ ގައުމު މިހާތަނަށް ކުޅުނީ 30 ފަހަރު އެވެ. މީގެ ތެރެއިން ސްޕޭން މޮޅުވީ އެންމެ އަށް ފަހރު އެވެ. އިޓަލީ 10 ފަހަރު މޮޅުވި އިރު އަނެއް 12 މެޗު ނިމުނީ އެއްވަރުވެގެންނެވެ. ބޮޑު މުބާރާތްތަކުގައި މި ދެ ގައުމު 11 ފަހަރު ބައްދަލުކުރިއިރު ސްޕޭން މޮޅުވީ އެންމެ ފަހަރަކު އެވެ. ބަލިވީ ވެސް އަދި އެއްވަރުވީ ވެސް ފަސް ފަހަރު އެވެ.
އަނެއްކޮޅުން އެންމެ ފަހުގެ ޔޫރޯ ސްޕޭން ކާމިޔާބު ކުރީ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިޓަލީ ބަލިކޮށްފައިގޮހެވެ. މިއީ އެމީހުން މި މުބާރާތް ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. ނަމަވެސް ޔޫރޯ އާއި ވޯލްޑް ކަޕުގައި 90 މިނިޓް ތެރޭގައި ސްޕޭނަށް އިޓަލީގެ މައްޗަށް ކުރި ހޯދިފައެއްނެތެވެ.