28 Sep 2024, 16:37
އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ ސްޕެއިންގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ރޮޑްރީއަށް ލިބުނު އަނިޔާއާ ގުޅިގެން މިސީޒަންގައި ދެން އޭނާ ނުފެންނާނެކަން ޔަގީންވެއްޖެއެވެ.
ރޮޑްރީގެ ކަކުލަށް ލިބުނު އަނިޔާ އާ ގުޅިގެން އޭނާއަށް މިސީޒަންގައި އިތުރަށް ނުކުޅެވޭނެކަން ހާމަކޮށްފައިވަނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއެވެ. އޭނާ ހާމަކުރިގޮތުގައި ރޮޑްރީ ވަނީ އޭނާގެ ކަކުލުގެ އޮޕަރޭޝަން ކޮށްފައި ކަމަށާއި އަދި އޭނާއަށް މިސީޒަންގައި އިތުރަށް ނުކުޅެވޭނެ ކަމަށެވެ.
އޭނާ ދެން ފެނިގެން ދާނީ މިއަންނަ ސީޒަންގައި ކަމަށާއި މި ސީޒަންގައި އޭނާ ފެނުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ގާޑިއޯލާ ބުންޏެވެ.
ރޮޑްރީގެ ކަކުލަށް އަނިޔާވެފައިވަނީ އެންމެ ފަހުން އާސެނަލް އާ ދެކޮޅަށް ލީގުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބޯޅައެއް ހޯދުމަށް އާސެނަލްގެ ތޯމަސް ޕާޓޭ ދުވަނިކޮށް ދެ ކުޅުންތެރިންގެ ފައި ޖެހުނު ގޮތަކުންނެވެ.
ޕެޕް ހާމަކުރިގޮތުގައި ރޮޑްރީ ފަދަ އެހެން ކުޅުންތެރިއެއް ހޯދުމަކީ ވާނެކަމެއް ނޫނެވެ. މިދިޔަ ސީޒަންގައި ސިޓީ ކުޅުނު މެޗުތަކުގެ ތެރެއިން ރޮޑްރީއަށް ކުޅެވޭގޮތް ނުވީ ފަސް މެޗުގައެވެ. އަދި މީގެތެރެއިން ހަތަރު މެޗުން ސިޓީ ވަނީ ބަލިވެފައެވެ.
ރޮޑްރީ ނެތުމުގެ އިތުރުން މިއަދު ނިއުކާސްލް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުގައި އެ ޓީމުގެ މެދުތެރެއިން ދެން އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔާ ކެވިން ޑި ބްރުއިނާ ވެސް ފެނިގެން ނުދާނެއެވެ. އޭނާ ވަނީ އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އަނިޔާގެ ސަބަބުން ނުކުޅެއެވެ. އަދި އޮކްޓޯބަރު މަހުގެ އިންޓަނޭޝަނަލް ބްރެކްގެ ކުރިން ޑި ބްރުއިނާ ސިޓީ ޓީމުން ފެނުމަކީވެސް ދުރުކަމެއްގެގޮތުގައި ވަނީ ބެލެވިފައެވެ.