ބޮލީވުޑްގެ އެންމެ މަގުބޫލު ބަތަލާއިންގެތެރޭ ހިމެނޭ ބަތަލާ ބޫމީ ޕެޑްނެކާރުއަށް ޝާހްރުކް ޚާންގެ ފިލްމު ކުންފުނި ރެޑް ޗިލީސް އެންޓަޓެއިންމަންޓްއިން އުފައްދާ ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ނެޓްފްލިކްސްއިން ގެނެސްދިން ބޫމީ މުހިއްމު ރޯލެއް ކުޅުނު ފިލްމު "ބަކްޝަކް"އަކީ ވެސް ރެޑް ޗިލީސް ކުންފުނީގެ އުފެއްދުމެކެވެ. ބޫމީ އަލަށް ސޮއިކުރި ފިލްމަށް ދޭނެ ވަކި ނަމެއް ހަމަޖެހިފައި ނުވާއިރު މި ފިލްމުގެ ޑައިރެކްޓަރަކީ ވެސް "ބަކްޝަކް" ޑައިރެކްޓްކުރި ޕުލްކިތުއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން މި ފިލްމުގައި ހިމެނޭ އިތުރު ކާސްޓުންގެ ނަންތައް ވަރަށް އަވަހަށް އިއުލާނު ކުރުމަށް ރޭވިފައިވާއިރު ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރުމުގެ މަރުހަލާ ދަނީ ކުރިއަށެވެ.

ބޫމީ ފިލްމު "ބަކްޝަކް"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ
ކުޑަ ދުވަސްކޮޅެއްގެތެރޭ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ބޫމީގެ އުއްމީދަކީ ކައިރި މުސްތަގްބަލެއްގައި އެކްޓަރު ޝާހްރުކް ޚާންއާ އެކު ސްކްރީން ހިއްސާކުރުމަށް ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ފިލްމު "ބަކްޝަކް" ކުޅުނުއިރު ޝާހު އާއި އެކްޓަރުގެ އަންހެނުން ގޯރީ ޚާންއާ އެކު ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މިދިޔަ މަހު ރިލީޒްވި ފިލްމު "ކޭލް ކޭލް މޭ"ގެ ބަތަލާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ނެޓްފްލިކްސްއިން ގެނެސްދޭން ތައްޔާރުވަމުން އަންނަ ސީރީސް "ދަ ރޯޔަލް"އިންނެވެ. މީގެ އިތުރުން އެމޭޒަން ޕްރައިމްއިން "ދަލްދަލް"ގެ ނަމުގައި އުފައްދާ ސީރީޒްއެއްގައި ވެސް ބޫމީ އަންނަނީ މަސައްކަތް ކުރަމުންނެވެ.