30 Jun 2012, 07:20
މާދަމާ ރޭ ކުޅޭ ޔޫރޯ ފައިނަލަށް ނުކުންނައިރު ޗެމްޕިއަން ސްޕޭނަކީ ،މުބާރާތުގެ ފެވަރިޓުން ކަމަށާއި ނަމަވެސް އެމީހުން ދެކެ ބިރުގަނެގެންނުވާނެ ކަމަށް އިޓަލީގެ ކޯޗު ސެޒާ ޕްރަންޑެއްލީ ބުނެފި އެވެ.
އޭނާ ބުނީ ސްޕޭންގެ ކުޅުންތެރިން އެއްކޮށް ކުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި އެންމެ ފަހުގެ ޔޫރޯ އާއި ވޯލްޑް ކަޕް ހޯދި ޓީމު ބަލިކުރުމަކީ ފަސޭހަ ކަމެއްނޫން ކަމަށެވެ.
"އެކަމަކު އަހަރުމެން އެމީހުން ދެކެ ބިރުގަނެގެން ނުވާނެ. އަހަރުމެންގެ ގޭމް ކުޅެވޭތޯ ބަލަންޖެހޭ. އަހަރުމެން ފައިނަލަށް އައީ މުހިންމު މަގްސަދެއްއޮވެގެން،" ކޯޗު ބުންޏެވެ.
ސްޕޭނާއި އިޓަލީ އެންމެ ފަހުން ކުޅުނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ.
އަނެއްކޮޅުން މިރޭގެ މެޗުގެ ނަތީޖާ އަށް ބަލާފައި ނޫނީ އިޓަލީގެ ކޯޗުގެ ކޮންޓްރެކްޓް އާނުކުރަން އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުން ނިންމާފައިވާ ކަމަށް ވެސް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. އޭނާއާއެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ނިޔަލަށެވެ. ނަމަވެސް އާ ކޮންޓްރެކްޓާ ބެހޭ ގޮތުން ދެކެވެމުން އަންނަ ވާހަކަތައް ޕްރަންޑެއްލީ ދޮގުކުރެ އެވެ.
"އަހަރެންގެ ފޯނު އަބަދުވެސް އަތުގައި އޮވޭ. އެއްވެސް ކޯލެއް އަދި ނާދޭ. އެކަމަކު ކުލަބު ފުޓްބޯޅަ އަހަރެން ކޮންމެ ދުވަހަކު ވެސް މިސްވޭ،" ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން ފިއޮރެންޓީނާ އަށް ކޯޗުކޮށްދިން ޕްރަންޑެއްލީ ބުންޏެވެ.