27 Sep 2024, 17:51
ޝަޚުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ތިން ބިދޭސީއަކު ހުއްޓުވައިފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ، ޝަޚުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ތިން ބިދޭސީއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުއްޓުވާފައިވާ ކަމަށެވެ.
އެ ތިން ބިދޭސީންނަކީ ވެސް ޒުވާން ފިރިހެނުންނެވެ. އެ ތިން މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއްގެ އިތުރުން 21 އަހަރުގެ މީހެކެވެ.
އެ މީހުން ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައިވަނީ ވަކިވަކިންނެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، 25 އަހަރުގެ މީހާ މިދިޔަ ޖުލައިމަހުގެ 31ވަނަ ދުވަހު، 23 އަހަރުގެ ހީމާ އޮގަސްޓު 16ވަނަ ދުވަހު އަދި 21 އަހަރުގެ މީހާ އޮގަސްޓު 18ގައި ރާއްޖެ އެތެރެވާން ވަނީ މަސައްކަތް ކޮށްފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެ، އަދި ވިޔަފާރި ކުރާ ބިދޭސީންނާ ދެކޮޅަށް އިމިގްރޭޝަނުން އަންނަނީ ޚާއްސަ އޮޕަރޭޝަންތަކެއް ކުރިޔަށް ގެންދަމުންނެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ފާއިތުވި 10 މަސް ތެރޭގައި ގަވާއިދާ ޚިލާފުވެގެން ރާއްޖޭން 4،054 ބިދޭސީން އަނބުރާ ގައުމަށް ފޮނުވައިލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނީ ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.