ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގުގެ އަޑަކީ އަހަރުމެންގެ ގުޅުމެވެ. އެ ގުޅުން ދިރާގުން އަނެއްކާވެސް އައު ކޮށްދީފި އެވެ. ރާޅުގަނޑު 2900 އަށް ވުރެ ގިނަ މީހުން ރަތާއި ހުދުގެ ޓީޝާޓުގައި އެއްވީ އެ އަޒުމެއްގައި އެއް ދިމާލަކަށް ދުއްވައިގަތުމަށެވެ. އެކަމަށް ރެޑީވެގެންނެވެ. ދިރާގު ބުރޮޑްބޭންޑް ރޯޑު ރޭޙުގެ ޝިއާރު؛ "އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާ" ދެކޮޅަށް އެ ވަބާ ނެތިކޮށްލަން ހުރިހާ ބައިވެރިންވެސް ދުއްވައިގަތީ އެއް އަޒުމެއްގަ އެވެ. ފަޔަށް ބާރުލާ ދުވެގަތީ އެ އަޒުމުގައި ކަން ދައްކުވައިދިނުމަށެވެ.

"އަޅުގަނޑު މިކަމުގައި މި ބައިވެރިވީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވަން، އެކަން މުޖުތަމައަށް އަންގައި ދިނުމަށް، އެކަމުން މުޅި މުޖުތަމައު ސަލާމަތް ކުރަން،" ކުޑަކުދިން ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމްއިއްޔާ، އާކުގެ ފަރާތުން ރޭހުގައި ދުވުނު ބައިވެރިއަކު ބުންޏެވެ. '

ދިރާގު ރޯޑް ރޭސް މެދުކެޑުމެއް ނެތި ބާއްވާތައި މި އަހަރަށް ހަ އަހަރު ފުރުމުގެ ހިތް ހަމަ ޖެހުން ދިރާގަށް ލިބޭއިރު މިއަދު މުޅި ރާޅުގަނޑުން ފެނުނު މަންޒަރު ތާފެތެވެ. އަދި ފެނުނު މަންޒަރުތަކާއި އވުނު އަޑުތައްވެސް އެހެން އަހަރުތަކާއި ހިލާފެވެ. ދައްކަން މިއުޅެނީ ދިރާގުގެ ޕްރޮމޯޝަންތަކެއް ނޫނީ ދިރާގުގެ މޮޅުވާހަކަ މާއަޑުގަދަކޮށް ޖަހާފަިއ ހުރި ވާހަކައެއް ނޫނެވެ. މުޅި ރާޅުގަނޑު ސަރަހައްދު ރަތާއި ހުދުން ބަބުޅަމުން ދިޔައިރު ފެނުނީ ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވަން ދިރާގުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކެވެ. ގިނަ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިން ތިބީ އެކަމަށްޓަކައި ދިރާގަށް ޝުކުރުގެ ބަސްތައް އޮއްސާލަ އޮއްސާލަ އެވެ.

"ވަރަށް ގިނަ ކުޑަކުދިންނާއި އަންހެނުންނާއި އެންޖީއޯ ތަކުގެ ތަރުހީބު ލިބިގެން ދިޔަ، އަޅުގަނޑުމެން ހީނުކުރާ ވަރަށް ތަރުހީބު ލިބިގެން ދިޔަ، އެއީ މި ފަހަރުގެ ރޭސް ހަގީގަތުގައިވެސް ހާއްސަ ވުމުގެ ހެއްކެއް، އެ ތަރުހީބުން އެކަން އެނގިގެން ހިގައްޖެ،" ދިރާގުގެ އޮފިޝަލަކު އެ ސަރަހައްދުގައި ހުންނަވައި ވިދާޅުވި އެވެ.


މިއަދުގެ 1200 ވުރެ ގިނަ ކުޑަކުދިން ބައިވެރިވެފައިވާ ކަމަށް ދިރާގުން އަންދާޒާ ކުރާއިރު ކައިރި ރިސޯޓުތަކުން ޓޫރިސްޓުންވެސް ވަނީ ބައިވެރިވެފަ އެވެ. އެ ހުރިހާ ކަމަކަށް ވުރެ ތަފާތު ކަމެއް މިއަދުގެ ރޭހުގައި ފާހަގަވި އެވެ. ރޭހުގައި މުޅިން އަލަށް ލޯފަން މީހަކު ބައިވެރިވެ ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންގެ ހައްގުތަކާއި ހިތްވަރުގެ މަތިން ހަނދާން އައު ކޮށްދިނެވެ. އުމުރުން އެންމެ 14 އަހަރުގައި ލޮލަށް ފެނުން މަހުރޫމުވި މިހާރު އުމުރުން 28 އަހަރުވެފައިވާ މުހަންމަދު މާޒިންގެ ދުވުމުގައި އެހީތެރިވެދިނީ އެންމެ 10 އަހަރުގެ ހަޝްމާ ހާނިމް އެވެ. އެއީ ދިރާގު ބްރޮޑްބޭންޑް ރޯޑު ރޭހުގެ ހަ އަހަރުގެ ތާރީހުގައި ފެވިގެންދާނެ އެއްކަމެވެ.

"މިއަދު ވަރަށް ހިތްހަމަޖެހިއްޖެ، އަހަރުމެންނަކީވެސް މުޖުތަމައުގައި ކަމެއް ކޮށްދެވިދާނެ ކުރެވިދާނެ ބައެއްކަން އެނގިއްޖެ، އެ ހިތްހަމަ ޖެހުން މި ލިބުނީ އެކަން ދައްކަދެވުނީމައި،" ރޭސް ނިންމާލުމަށް ފަހު ހިނިތުންވުމަކާއި އެކު މާޒިން ބުންޏެވެ.

ހަގީގަތުގައިވެސް މިއަދުގެ ރޭސްތަފާތެވެ. ލިބުނު ވަނަ ތަކަށް ވުރެ އިނާމު ލިބުނު މީހުންނަށްވުރެ ހާއްސަވީ ރޭހުގެ މަގުސަދެވެ. ދައްކުވައިދިން ހާއްސަ ކަންތައްތަކެވެ. އެންމެންގެ އަޒުމެވެ. އެ ހުރިހާ ތަފާތަކާއި އެކު ދިރާގުގެ ބްރޮޑް ބޭންޑް ރޯޑް ރޭސްވީ ވީކެންޑުންގެ އެންޖޯއިމަންޓަށް ބޮޑު ސަޕްރައިސް އަކަށެވެ. މިފަހަރުގެ ރޭހުގައިވެސް ސްކޫލް ކެޓަގަރީ އާއި ޕްރޮފެޝަނަލް ކެޓަގަރީ، ގުރޫޕް ކެޓަގަރީ އަދިވެސް އެހެން ގިނަ ކެޓަގަރީތަކެއް ހިމެނެ އެވެ.

މިއަހަރުގެ ރޯޑްރޭސްވެސް ހަގީގީ ތަފާތު ކަމަކުން ތާރީހުގެ ތެރެއަށް ވަދެގެން ދިޔައީ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމުވެސް ދެމުންނެވެ. އިނާމު ހާސިލް ކުރި މީހުންގެ ހަނދާނެއްވެސް އަދި ނުނެތެ އެވެ. ސްކޫލް ކެޓަގަރީން ފާސްޓަސްޓް ފިރިހެން ޖޫނިއާ ރަނާ އަކަށް ހޮވުނީ ކަލާފާނު ސްކޫލްގެ ދަރިވަރެކެވެ. ސްކޫލް ކެޓަގަރީން ފާސްޓަސްޓް ޖޫނިއާ އަންހެން ރަނާއަކަށް ތާޖުއްދީން ސްކޫލްގެ ދަރިވަރަކު ހޯދިއިރު، ސްކޫލް ކެޓަގަރީން ފާސްޓަސްޓް ސީނިއާ އަންހެން ރަނާއަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލެވެ. ސްކޫލް ކެޓަގަރީން ބެސްޓް އަންހެން ޖޫނިއާ ސްކޫލް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް ހޯދިއިރު، ސްކޫލް ކެޓަގަރީން ބެސްޓް ސީނިއާ ފިރިހެން ސްކޫލް އަކީ ޖަލާލުއްދީން ސްކޫލް އެވެ.

އެ ކެޓަގަރީއަށް އިނާމު ހުށަހެޅީ އިވެންޓުގެ އެއް ޕާޓްނާ ސޮނީ ހާޑްވެއާ އެވެ.

ޕްރޮފެޝަނަލް ކެޓަގެރީން އަންހެން ފިރިހެން ވަނީ ހޮވާފަ އެވެ. އެގޮތުން މިފަހަރު ވެސް ޕްރޮފެޝަނަލް ކެޓަގެރީން އެއްވަނަ ގެންގޮސްފައިވަނީ ޝިފާޒް މުހައްމަދެވެ. އޭނާ ވަނީ ޖެހިޖެހިގެން ހަތަރު އަހަރު އެއްވަނަ ހޯދާފަ އެވެ. ޕްރޮފެޝަނަލް ކެޓަގެރީން އަންހެން އެއްވަނަ ދިޔައީ އައިޝަތު ގުރެއިޝާ އެވެ.

އަދި ޓީމް އިވެންޓުން އެއްވަނަ ގެންދިޔައީ ދިވެހި ސިފައިންގެ ކްލަބް އެވެ.

މިއަހަރުގެ ރޯޑް ރޭހުގައި ވެސް 40 އަހަރުން މަތިންނާއި 40 އަހަރުން ދަށުންވެސް އަންހެން ފިރިހެން ވަނީ ހޮވާ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމުދިނެވެ.

ދިރާގުން ހަނދާން އައު ކުރައު ފަރާތްތަކެއް އެބަތިއްބެވެ. ކާމިޔާބު ތަފާތު ރޭހެއް ދިރާގަށް ގެނެސްދެވުނީ ގިނަ ބަޔެއްގެ އެއްބާރު ލުމާ އެކު އެވެ. އެގޮތުން މިއަދުގެ އިވެންޓު އިންތިޒާމްކޮށް ރޭވުން ފުރިހަމަ ކޮށްދިނުމުގައި 100 ވުރެ ގިނަ ފަރާތް ބައިވެރިވި އެވެ. އޭގެ ތެރޭގައި ސިއްހީ އެކި ދާއިރާތަކުން އެހީވުމަށް މެޑިކަލް އެސޯސިއޭޝަނާއި ރެޑް ކްރެސެންޓާއި އޭޑީކޭ އާއި އައިޖީއެމްއެޗުގެ އެހީތެރިކަން ދިރާގު ފާހަގަ ކުރަނީ ޝުކުރުވެރިކަމާ އެކު އެވެ. ސަލާމަތީ ކަންކަމުގައި ފުލުހުންނާއި ސިފައިން ކުޅުނު ރޯލަށްވެސް ދިރާގު ޝުކުރު އަދާކުރެ އެވެ.

ދިރާގުގެ ސޯޝަލް ކޯޕަރޭޓް ރެސްޕޮންސިބިލިޓީ ވަރަށް ރަނގަޅަށްވެސް އަދާކޮށްފި އެވެ. އެތައް ހާސް ބަޔަކު ފަޔަށް ބާރުލައި ގައިން ދައު އޮހޮރުވީ ހަމަ އެއް އަޒުމެއްގަ އެވެ. މުޅި މުޖުތަމައު އިޖްތިމާއީ ބަލިތަކުން ސަލާމަތް ކުރުމަށެވެ. އަންހެނުންނާއި ކުޑަކުދިންނަށް ކުރެވޭ އަނިޔާއިން އެމީހުން ދުރުކުރުވުމަށެވެ. އެ ރޭހުގެ ހަ ވަނަ އަހަރު މުޅިން ހާއްސަވެ ވީކެންޑުގެ ސަޕްރައިޒް އަކަށްވީ ރަނގަޅު މެސެޖެއް ގެނެސްދެވުނީމަ އެވެ. ރޭހުގެ ބައިވެރިން ދުއްވައިގަތީ އެންމެ އަވަހަށް ރޭސް ނިންމާ މީހަކަށް ވުމަކަށް ނޫނެވެ. އެއަށް ވުރެ ކުރީގައި ހިތުގެ އެންމެ އަޑީގައި އޮތީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމެވެ. ހިތުގެ އަޑަކަށް ވީ ދިރާގުގެވެސް އަޑު؛ "ކުޑަކުދިންނާއި އަންހެނުނަނަށް ކުރާ އަނިޔާ ހުއްޓާލާ!". ދިރާގަށް އައްސަރިބަހާއި ސާބަހެވެ. ތިޔައީ ރައްޔިތުންގެ މުއާސަލާތީ ކުންފުންޏެވެ. އަހަރުމެންގެ ގުޅުމެވެ. ދިރާގުގެ ބުރޮޑްބޭންޑް ރޯޑް ރޭސްއިންވެސް ރަމްޒްވެގެން ދިޔައީ އެ ކަމެވެ. އެއް އަޒުމެކެވެ.