މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ފުލުހުން އިއްޔެ މީހަކު ފާސްކުރަން އުޅުމުން އޭނާ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި މައްސަލައެއްގައި، ބާރުގެ ބޭނުންކޮށްގެން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 31 އަހަރުގެ މ. ސަލާސާ، މޫސާ ފާޒިލްއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އިއްޔެގެ މެންދުރު 14:25 ހާއިރު ހުޅުމާލެ ފުލެޓު ހަތަރެއް ކައިރިން ހިނގާފައިދިޔަ ފާޒިލް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތިން ސެލޯފިންކޮޅު އެއްލާލި ތަން، އެތަން ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ފެނުނު ކަމަށެވެ.

އެވަގުތު އޭނާ ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ބޮޑީ ޗެކްކުރަން އެދުމުން ގަދަ ހަދައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ފުލުހުން ބާރުގެ ބޭނުންކޮށްގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ބުނެފައިވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.