30 Jun 2012, 00:16
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފަައިނަލުގައި ޖަރުމަނުކޮޅަށް ދެ ވަނަ ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަން ޖާޒީ ބޭލުމުން އޭނާގެ ހަށިގަނޑުގެ ވަރުގަދަކަން ފެނިފައި އިޓަލީގެ ކުޅުންތެރިން ޖެލަސްވި ކަމަށް ފޯވަޑް މާރިއޯ ބަލެޓޮއްލީ ބުނެފި އެވެ.
ދަނޑުބޭރުން ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދަމުން އަންނަ ބަލެޓޮއްލީ އަކީ ޖަރުމަނުކޮޅަށް އިޓަލީގެ ދެ ގޯލު ވެސް ޖަހައިދިން ކުޅުންތެރިޔާ އެވެ.
"އެމީހުން (އިޓަލީގެ ކުޅުންތެރިން) ޖާޒީ ބާލައިގެން ރީނދޫ ދެއްކުމުން ރުޅިއެއްނާދޭ. އަހަރެން ޖާޒީ ބޭލުމުން ހަށިގަނޑުގެ ވަރުގަދަކަން ފެނިފައި އެމީހުން ޖެލަސްވީ،" ނޫސްވެރިއަކު ކުރި ސުވާލަކަށް ޖޯކު ޖަހަމުން ގޮސް މެޗަށް ފަހު ބަލެޓޮއްލީ ބުންޏެވެ.
ފައިނަލް މެޗުގައި ސްޕޭނާ ދެކޮޅަށް އާދިއްތަ ދުވަހުގެ ރޭ ނުކުންނައިރު މުބާރާތުގެ އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާ އަށްދޭ ރަންބޫޓު ހޯދަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ވެސް ބަލެޓޮއްލީ ބުންޏެވެ.
"އަހަރެން މަސައްކަތް ކުރާނަން ޓޮޕް ސްކޯރާގެ އެވޯޑް ހޯދަން،" މިހާތަނަށް ތިން ގޯލު ޖަަހައިގެން ސްކޯރިން ޗާޓުގެ ކުރީގައި ހުރި މެެންޗެސްޓާ ސިޓީ އަށް ކުޅޭ ފޯވަޑް ބުންޏެވެ.