މީގެ 23 އަހަރު ކުރިން ރިލީޒްކުރި ފިލްމު "ތުމް ބިން"ގެ ބަތަލާ ސަންދާލީ ސިންހާ އަކީ ވަރަށް ކުޑަ ދުވަސްކޮޅެއްގެތެރޭ ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި ފިލްމީ ތަރިއެކެވެ.


ފިލްމު "ތުމް ބިން"އަކީ ސަންދާލީގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ. މި ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބާ އެކު ސަންދާލީ ބޭނުންވީ އިންޑަސްޓްރީގައި ދިގު މުއްދަތެއް ވަންދެން މަސައްކަތް ކުރުމަށެވެ. ނަމަވެސް ފިލްމު "ތުމް ބިން"އަށްފަހު ބެލުންތެރިންނަށް ސަންދާލީ ފެނުނީ ވަރަށް މަދު ފިލްމުތަކަކުންނެވެ.

އޭގެތެރޭގައި ފިލްމު "ޕިންޖާރު" އަދި "އަބް ތުމާރޭ ހަވާލެ ވަޠަން ސާތިޔޯ" ހިމެނެއެވެ. ޖުމްލަ ހަތް ފިލްމާ އެކު ސަންދާލީގެ ފިލްމީ ކެރިއަރުގައި ސިއްކަ ޖެހުނީ ޒަވާޖީ ހަޔާތެއް ފަށައި ދެ ކުދިންގެ މަންމައަކަށް ވުމުންނެވެ.

ސަންދާލީ ފިރިމީހާ އަދި ދެ ކުދިންނާ އެކު--ފޮޓޯ/ކޮއިމޮއި

ރީތި ލޯބީގެ ފިލްމު "ތުމް ބިން"ގައި ސަންދާލީ ކުޅުނު މައުސޫމު އަންހެން ކުއްޖާގެ ރޯލްއިން ގިނަ ބައެއްގެ ހިތުން ޖާގަ ހޯދި ނަމަވެސް އޭނާއަށް މަޖުބޫރުވީ މަންމައެއްގެ ހައިސިއްޔަތުން ކުދިންގެ ޒިންމާ އިސްކުރުމަށް ކަމަށް ސަންދާލީ ވަނީ ބުނެފައެވެ.

ފިލްމު "ތުމް ބިން"އަށް ފަހު ފިލްމު އިންޑަސްޓްރީއިން ވަރަށް ރަނގަޅު ފުރުސަތުތައް ލިބުނު ކަމަށް ސަންދާލީ ބުނެފައިވެއެވެ. ނަމަވެސް ފިލްމީ ސެޓުތަކުގައި ހުރުމަށްފަހު ބޭނުން ކޮންމެ ވަގުތަކު ކުދިންގެ ބޭނުންތަކަށް ހާޒިރު ނުވެވޭނެކަން އިހުސާސްވުމުން ބޭނުންވީ ފިލްމީ ދާއިރާއިން ދުރަށް ދިއުމަށް ކަމަށް 51 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރިއިރު މަލްޓި ޓާސްކު ކުރުމުގެ ހުނަރު ހުރިނަމަ ހާލަތު ބަދަލުކޮށްލުމުގެ ފުރުސަތު ލިބުނީސް ކަމަށް ސަންދާލީ ވަނީ ބުނެފައެވެ.

ނަމަވެސް އޭރު އެފަދަ ކަންކަން ރަސްމީ ސިފައެއްގައި ބުނެދޭނެ ބަޔަކު ވެސް ނެތްކަން ބަތަލާ ވަނީ ފާހަގަކޮށްފައެވެ. މިހާރު ދިރިއުޅުގައި އާދެވިފައި ހުރި މަގާމާ މެދު އުފާކުރާ ކަމަށް ސަންދާލީ ބުނެފައިވާއިރު ފިލްމު "ތުމް ބިން" ވަނީ މި މަހުގެ 20 ވަނަ ދުވަހު އަލުން ސިނަމާތަކުގައި ދައްކާފައެވެ.