ކުށްވެރިންނަށް އަވަސް އަވަހަށް މާފުދީ، ޖަލު ބަންދުގެ އަދަބު ލުއިކުރާނަމަ ނަތީޖާ ގޯސްވާނެ ކަމަށާއި، މައްސަލަތަކުގައި ހުކުމް ކުރެވޭ މީހުން ޖަލު ބަންދުގައި ހިފެހެއްޓޭނެ ގޮތެއް ރާވަން ޖެހޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފިއެވެ.

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ޗީފް އިންސްޕެކްޓާ އަޙްމަދު ނާއިފް މި ފަދައިން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމުގައި ގާނޫނީ ގޮތުން ހުރި ގޮންޖެހުންތަކުގެ ވާހަކަ ފާހަގަކުރައްވަމުންނެވެ.

ނާއިފް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ޝަރީއަތްތައް އަވަސް ވާން ޖެހޭ ކަމަށާއި ޝަރީއަތްތައް އަވަސްވުމަކީ މައްސަލަތަކުގެ ހެކިތަކަށް ނުފޫޒުފޮރުވާ ހެކި ނައްތާލުމަށް އޮތް ފުރުސަތު ވެސް ކުޑަވެގެން ދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޖަލު ހުކުމް ކުރުމުން އެ ތަންފީޒުކޮށް ނިމެންދެން ޖަލުގައި ހިފެހެއްޓޭނެހެން ނިޒާމު ބައްޓަންކުރުން މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ.

"ކޯޓުތަކުން ހުކުމް ކުރެވޭ މީހުން ޖަލު ސިސްޓަމްތަކުގެ ތެރޭގައި ހިފެހެއްޓޭނެ ގޮތެއް ވެސް އަޅުގަނޑުމެން ރާވަން އެބަ ޖެހޭ. މާފު ދިނުމާއި އަދަބު ލުއިކުރުން އެއީ އާދަޔާ ޚިލާފަށް އަވަސް އަވަހަށް ކުރާ ކަމެއްވެއްޖިއްޔާ އޭގެ ސަބަބަކުން ވެސް ރަނގަޅު ނަތީޖާއެއް ނުނުކުންނާނެ،" ނާއިފް ވިދާޅުވިއެވެ.

މިހާރު އަމަލު ކުރަމުން އަންނަ މަސްތުވާތަކެތީގެ ގާނޫނުގައި މީހަކު މަސްތުވާތަކެތި ބޭނުން ކުރާ ވަގުތުން ފެށިގެން އޭނާއަށް ފަރުވާ ލިބެން ޖެހޭނެ ކަމަށް ތަސައްވުރުކޮށްފައި އޮންނަ ކަމަށާއި ނަމަވެސް އެ މަސައްކަތް އެފަދައިން ރާއްޖޭގައި ނުހިނގާ ކަމަށް ނާއިފް ވިދާޅުވިއެވެ.

ފުލުހުން ހިންގި އޮޕަރޭޟަނެއްގައި އަތުލައިގަތް 13 ކިލޯ މަސްތުވާތަކެއްޗާއި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ: ކޯޓުތަކުން ހުކުމް ކުރެވޭ މީހުން ޖަލު ސިސްޓަމްގައި ހިފެހެއްޓޭނެ ގޮތެއް ރާވަން ޖެހޭ ކަމަށް ފުލުހުން ބުނި --- ފޮޓޯ: ފުލުހުން

އެތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ދޭ ތަންތަނުގެ ހާލަތާ ގުޅޭގޮތުން ނާއިފް ވިދާޅުވީ، ކ. ހިންމަފުށީގައި ހުރި ސެންޓަރުގެ ހުރީ ފަރުވާ ދޭން އެކަށީގެންވާ ރަނގަޅު ގޮތަކަށް ނޫން ކަމަށާއި އެތަނުގެ އިމާރާތް ވަރަށް ބޮޑަށް ވީރާނާވެފައިވާ ކަމަށެވެ.

އެތަނަށް ވެސް ފަރުވާ ހޯދަންދާ މީހުން ޝައުގުވެރިވާނެ ގޮތަކަށް އެތަންތަން ބައްޓަންވެފައި ހުންނަން ޖެހޭކަމަށް އަޅުގަނޑުމެނަށް ގަބޫލުކުރެވެނީ. އެކަން އެގޮތަށް ވެއްޖިއްޔާ ހަމަ ގައިމުވެސް މަސްތުވާތަކެތީގެ ޑިމާންޑު ދަށްކުރުމަށް ޓަކައި ކުރެވޭ މަސައްކަތް. ރަނގަޅު ފަރުދަކު ފަރުވާ ހޯދައިގެން މުޖުތަމައުއަށް ނެރެވިއްޖެ ކަމަށްވަންޏާ ހަމަގައިމު ވެސް އެއަށް ޑިމާންޑު ކުރާ މީހުންގެ ތެރެއިން އެކަކު އެ ސަލާމަތްވީޗީފް އިންސްޕެކްޓާ އަޙްމަދު ނާއިފް

އިތުރަށް ވާހަކަދައްކަވަމުން، ނާއިފް ވަނީ މަސްތުވާތަކެތީގެ ޑިމާންޑަށް ކުރެވޭ މަސައްކަތް ވަރަށް ބޮޑަށް ހަރުދަނާ ވާން ޖެހޭ ކަމަށާއި އެތަކެތި އެތެރެކުރުން ހުއްޓުވަން ގޮންޖެހުންތަކެއް ހުރި ކަން ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި އެއާޕޯޓުތަކުގެ ސްކޭނިންގެ ކަންކަމާއި ބްލައިންޑް ސްޕޮޓްގެ މައްސަލަތައް ހިމެނެއެވެ.

މިކަމާ ގުޅުވައި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޔުނިޓުގައި އިސްކޮށް ހުންނަވާ ސުޕްރިންޓެންޑެންޓް ނާހިދު ހުސައިން ވިދާޅުވީ، ގާނޫނަށް ބަދަލު ގެނައުމަށް އިސްލާހުތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

1.3 މިލިއަން ރުފިޔާގެ ބަނގުރާ ނައްތާލުން: ކޯޓުތަކުން ހުކުމް ކުރެވޭ މީހުން ޖަލު ސިސްޓަމްގައި ހިފެހެއްޓޭނެ ގޮތެއް ރާވަން ޖެހޭ ކަމަށް ފުލުހުން ބުނި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ގާނުނަށް އިސްލާހު ގެންނަން ހުށަހެޅި ކަންކަން:

  • މަސްތުވާތަކެތީ އޮޕަރޭޝަންތައް ހިންގުމަށް ހުރި ގޮންޖެހުންތަކަށް

  • އެތަކެތި ވިޔަފާރި ކުރާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ހުރި ދަތިތަކަށް
  • ކުޑަކުދިންގެ ނާޖާއިޒް ފައިދާ ހޯދައިގެން ޑްރަގް ވިޔަފާރި ކުރަން އުޅޭ މީހުންނަށް އަވަހަށް ފިޔަވަޅު އެޅުމަށް
  • އަވަހަށް ފަރުވާގެ ނިޒާމަށް ދެވޭނެ ގޮތްތަކަށް
  • ޑްރަގް ޓްރެފިކް ކުރާ މީހުންނަށް އަދަބު ލުއި ކުރުމާއި މާފު ދިނުމަށް ހައްލު ހޯދުމަށް

އޭގެއިތުރުން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ރަނގަޅު މީހެއްގެ ގޮތުގައި މުޖުތަމައުއަށް ނެރުމަށް ނެޝަނަލް ޑުރަގް އެޖެންސީ (އެންޑީއޭ)އާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ނާހިދު ވިދާޅުވެފައިވެއެވެ.