ޔޫރޯ ފައިނަލަށް އިޓަލީ ގެންގޮސްދިނުމަށް ޖަރުމަނުކޮޅަށް އިިއްޔެ ރޭ ޖެހި ދެ ގޯލާއެކު އެއީ ހަޔާތުގެ އެންމެ އުފާވެރި ރޭ ކަމަށާއި އެ ދެ ގޯލު ހަދިޔާކުރީ އޭނާ ބަލާބޮޑުކުރި އިޓަލީ މަންމަ އަށް ކަމަށް ފޯވަޑް މާރިއޯ ބަލެޓޮއްލީ ބުނެފި އެވެ.

ގާނާއިން އިޓަލީ އަށް ހިޖުރަކުރި ދެމަފިރިއަކަށް ލިބުނު ބަލެޓޮއްލީ ބުނީ މެޗު ނިމުމުން އޭނާ ދިޔައީ ދަނޑުގައި ކުޅިބަލަންހުރި މަންމަގާތަށް ކަމަށާއި އެއީ އެންމެ އުފާވެރި ވަގުތުކޮޅު ކަމަށާއި ފައިނަލް މެޗު ބަލަން ބައްޕަ ވެސް ދަނޑަށް އަންނާނެ ކަމަށެވެ.

"މިއީ އެންމެ އުފާވެރިރޭ. އަހަރެން އުއްމީދު ކުރަނީ އާދީއްތަ ދުވަހުގެ ރޭ މި އަށްވުރެ އުފާވެރިވާނެ ކަމަށް،" 21 އަހަރުގެ، ބަލެޓޮއްލީ ބުންޏެވެ. "އަހަރެން ބުނިން މި ގޯލުތައް މަންމައަށޭ. އަހަރެންގެ މަންމަ އެހާ ޒުވާނޫންއިރު ވެސް އަދި އެހާ ދުރަށް ދަތުރުކޮށް ނޫޅެވޭ އިރު ވެސް މެޗު ބަލަން އައިމަ އަހަރެން ޖެހޭ މަންމަ އުފާކޮށްދޭން. ފައިނަލް މެޗު ބަލަން ބައްޕަ ވެސް ދާނެ."

މި ދެ ގޯލާއެެކު ބަލެޓޮއްލީ ވަނީ މުބާރާތުގެ ސްކޯރިން ޗާޓުގެ އެއްވަނަ އަށް އަރައިފަ އެވެ. އެއީ ތިން ގޯލާއެކު އެވެ.