26 Sep 2024, 17:35
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ހޮޓާތަކާއި ކެފޭތައް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ، މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު ޓާސްކު ފޯހުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިންގާ ކެފޭތަކާއި ހޮޓާތައް ބަލައި ފާސްކޮށްފަައިވާ ކަމަށެވެ.
އެ ތަންތަނުން ގަވާއިދާ ޚިލާފަށް އުޅޭ 16 ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށާއި ހުއްދަ ނުނަގާ ހިންގަމުން ދިޔަ ތިން ކެފޭއަކަށް ކަމާ ގުޅުން ހުރި އިދާރަތަކުން ނޯޓިސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ހިންގި ރެއިޑުގެ ތެރެއިން: ހުޅުމާލޭގެ ކެފޭތަކާއި ހޮޓާތަކުން ގަވާއިދާ ޚިލާފަށް އުޅޭ 16 ބިދޭސީއަކު އަތުލައިގެންފި ---- ފޮޓޯ/ އިމިގްރޭޝަން
އިމިގްރޭޝަނުން ވަނީ ރެއިޑުތަކުގައި އާންމުންގެ ފަރާތުން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ޓަކައި މި ސަރުކާރުންވަނީ ބޮޑެތި މަސައްކަތްތަކެއް ފަށައިފައެވެ.
އެގޮތުން، ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން އޮޕަރޭޝަންތައް ކުރިއަށް ގެންގޮސް، އެ ފަދަ ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ދަނީ ގެންދަމުންނެވެ.
އެހެން ނަމަވެސް އޭގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް ބިދޭސީން ފުރުވާލުމުގައި ގޮންޖެހުންތަކެއް ދިމާވާ ކަމަށް އެ އިދާރާއިން މީގެ ކުރިން ވަނީ މައުލޫމާތު ދީފައެވެ.
ފާއިތުވި 10 މަސް ތެރޭގައި ގަވާއިދާ ޚިލާފުވެގެން ރާއްޖޭން 4،054 ބިދޭސީން އަނބުރާ ގައުމަށް ފޮނުވައިލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.