26 Sep 2024, 16:13
ޑައިމޯފިން ޓްރެފިކް ކުރި މީހަކު އުމުރަށް ޖަލަށް ލައި، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލައިގައި ދައުވާކޮށްފައިވަނީ, ކ. މާލެ، ބޮއިލިންފިޝް، އަބްދުލްވާހިދު ހާމިދު ކިޔާ މީހަކަށެވެ.
އޭނާގެ މައްޗަށް ދައުވާކުރީ ޖެނުއަރީ 9، 2019ގެ 10:45ހާއިރު ސައިކަލެއްގައި ހުޅުމާލެއިން މާލެއަށް މަސްތުވާތަކެތި ހިފައިގެން ދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ބަލައި ފާސްކުރުމުންނެވެ.
ދައުލަތުން ބުނެފައިވަނީ، އޭނާ އެ ދުވަހު ބޮޑުތަކުރުފާނު މަގު އުސްފަސްގަނޑު ކައިރިން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ހަށިގަނޑު ބަލައި ފާސްކުރިއިރު ސޯޓުގެ ކަނާތްފަރާތުގެ ޖީބުގައި އޮތް ޓިޝޫގަނޑަކުން މަސްތުވާތަކެތި ފެނުނު ކަމަށެވެ. އެއީ 100 ގްރާމްގެ ޑައިމޯފިން ކަމަށް ތަހުލީލުން ދެއްކި ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވެފައިވެއެވެ.
އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ފުލުހަކު ދިން ހެކީގައި ވަނީ، ވާހިދުގެ ސޯޓުން ފެނުނު ތަކެއްޗާ ގުޅޭ ގޮތުން އޭނާއާ ސުވާލުކުރުމުން އެއީ އޭނާ ގެނައި އެއްޗެއް ކަމަށާއި އޭނާގެ އެއްޗެއް ކަމަށް އެވަގުތު ބުނެފައިވާ ކަމަށް ހެކިދީފައެވެ.
އެ މައްސަލައިގައި ދިފާއުން ހާޒިރުކުރި ހެކިވެރިޔާ ވަނީ އެ ދުވަހު ވާހިދުއަށް، ޓިޝޫތަކެއްގައި އޮޅާފައި ދިވެހި ބޭސް ދިން ކަމަށް ބުނެފައެވެ. އޭނާ ބުނީ، އޭނާގެ ދައްތައަށް ސްޓްރޯކެއް ޖެހިފައިވާތީ ބޭނުންކުރަން ދިވެހި ބޭހެއް ގަނެފައި ވާހިދުއަށް ދިން ކަމަށެވެ. އެ ބޭހުން އަތުގައި ކުނޑިތައް ހޭކޭތީ، މަގުމަތީގައި ހުރި ހޮޓަލެއްގެ ބޭރުގައި ހުރި މޭޒެއްގެ މަތިން، ޓިޝޫ ހޯލްޑަރަކުން ބައިވަރު ޓިޝޫތައް ނަގައި ބޭހުގެ ވަށައި ޓިޝޫތަކެއް ލާފައި ދިން ކަމަށް ހެކިވެރިޔާ ބުންޏެވެ.
ހެކިވެރިޔާ އިތުރަށް ބުނެފައި ވަނީ، ވާހިދު ހައްޔަރުކުރިއިރު އޭނާ އެތަނުގައި ނެތް ކަމަށާއި ހައްޔަރުކުރިކަން އެނގުނީ ހަތަރުފަސް ދުވަސް ފަހުން ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމަށް ދަށަށް ގެންދިޔައީ ކޮން އެއްޗެއްކަން ނޭނގޭ ކަމަށާއި އެއީ އޭނާ ހަވާލުކުރި އެތިކަން ނޭނގޭ ކަމަށް ވެސް ހެކިވެރިޔާ ބުނެފައިވެއެވެ.
އެހެންވެ، ވާހިދުގެ ފަރާތުން ހުށަހެޅި ހުލާސާ ބަޔާނުގައިވަނީ އެ ހެކިވެރިޔާގެ ހެކިބަހަށް ބަލާއިރު، ވާހިދުގެ އަތުން ފެނުނު މަސްތުވާތަކެއްޗަކީ ހެކިވެރިޔާ ދިން އެއްޗަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ބުނެފައެވެ.
ނަމަވެސް ޝައީރަތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، އެ ވާހަކައިގައި ހަމަނުޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ބުނެފައިވެއެވެ. އެގޮތުން ދިފާއީ ހެކިވެރިޔާ ދިވެހި ބޭސް ދިން ކަމަށް ބުނާއިރު، ދައުވާ ލިބޭ މީހާގެ ޖީބުން ފެނިފައިވަނީ ސީދާ ހެކިވެރިޔާ ދިން ތަކެތިކަން ކަށަވަރުކޮށްދެވިފައި ނުވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
އެހެންވެ، އެ ދައުވާއަށް ވާހިދު އިންކާރު ކުރި ނަމަވެސް އެ މައްސަލައިގައި ދައުލަތުން ހުށަހަޅައިފައިވާ ހެކިތައް ޝަރީއަތުން ވަޒަންކުރިއިރު، އެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާ ކަމަށް ކޯޓުން ވަނީ ނިންމައިފައެވެ.
އެ މައްސަލައިގައި ހުކުމް ކުރީ ވާހިދު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އުމުރަށް ޖަލަށް ލުމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އޭނާ 14 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ އޭނާ ތަންފީޒު ކުރަން ޖެހޭ އަދަބަކީ 24 އަހަރާއި 11 މަހާއި 16 ދުވަސް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
އޭނާ ޖޫރިމަނާ ދައްކަން ކޯޓުން ވަނީ ހޯމަ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ މުހުލަތެއް ދީފައެވެ.