30 Jun 2012, 00:14
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ސްޕޭނާއި އިޓަލީ އާދީއްތަ ދުވަހުގެ ރޭ ކުޅޭ މެޗުގެ ރެފްރީއަކަށް ޕޯޗުގަލްގެ ރެފްރީ ޕެޑްރޯ ފޮރެންކާ ހަމަޖައްސައިފި އެވެ.
އޭނާ އަކީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް ވެސް އިންސާފުކުރި ރެފްރީ އެވެ.
މިއީ ޕޯޗުގަލްގެ ފައިނޭންޝިއަލް ޑައިރެކްޓަރެއްގެ ވަޒީފާ އަދާ ކުރާ 41 އަހަރުގެ ރެފްރީ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. އޭނާ ވަނީ ޔޫރޯގައި މިހާތަނަށް ތިން މެޗެއްގައި ރެފްރީކަންކޮށްފަ އެވެ.
އޭނާ ވަނީ 2004 ވަނަ އަހަރުގެ ޔޫރަޕުގެ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ރެފްރީކަންކޮށްފަ އެވެ. ޔޫއޭފާގެ އެލީޓް ޓީމަށް އޭނާ ޕްރޮމޯޓްވީ 2010 ވަނަ އަހަރު އެވެ.