26 Sep 2024, 11:33
ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން މިއަދު ބުނެފިއެވެ.
ސްކޫލުތަކުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި، މިއަދު ވަނީ ރިޕޯޓު ފޯމު ދީފައެވެ. އެހެންވެ، ޗުއްޓީގައި ދަތުރުތައް އަބަދު ވެސް ގިނަވެއެވެ.
"ސަން"އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ، މިހާރު ކުރަނީ މޫސުމީ ވިއްސާރަ ކަމަށެވެ.
ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެކަމަކު، މާދަމާ މެންދުރު ފަހުން ވައި މަޑުވާނެ ކަމަށް ބުންޏެވެ.
"ވައި މަޑުވާނެ މާދަމާގެ މެންދުރު ފަހުން. އެކަމަކު، ކޮންމެ ވެސް ވަރަކަށް ކެރީގެ އަސަރުކުރާނެ ކަމަށް މި ބެލެވެނީ ކުރިއަށް އޮތް ފަސް ދުވަހު،" މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ވަނީ އެންމެހާ ފަރާތްތަކުން އަދި ވަކިން ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެ އޮފީހުން ވަނީ ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުތަކުގެ އުސްމިނުގައި ހަތް ފޫޓާއި ހަތަރު ފޫޓު ހުންނާނެ ކަމަށް ލަފާކޮށްފައެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރާކުރާނެ ކަމަށާއި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ގުގުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލު ބާރުމިނުގައި ވައިގަދަވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
މެޓު އޮފީހުން ވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށް މެންދުރު 12:00 ވަންދެން ހުދު ސަމާލެއް ވެސް ނެރެފައެވެ.
ދިރާސީ އަހަރު ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުމަށް ފަހު ދަރިވަރުންނަށް މިއަދު ރިޕޯޓް ފޯމް ހަވާލުކޮށްފައިވާއިރު، ދެން ސްކޫލު ހުޅުވޭނީ އަންނަ މަހުގެ ފަހެއްވާ އާދިއްތަ ދުވަހުއެވެ.