ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ 24 މެޗުގައި ރެފްރީންގެ ޕާފޯމަންސް ވަރަށް ރަނގަޅު ކަމަށް ޔޫއޭފާގެ ޗީފް ރެފްރީ އިންސްޕެކްޓަރު ޕިއަރް ލުއިޖީ ކޮލީނާ ބުނެފި އެވެ.

"ރެފްރީންގެ ޕާފޯމަންސްގެ ރަނގަޅުވި އިރު އެސިސްޓެންޓް ރެފްރީން ވެސް ވަނީ ކުރިއެރުން ހޯދާފައި. އަދި ކުޅުންތެރިން ދަނޑުމަތީގައި ދެެއްކި ރިވެތި ނަމޫނާ އަށްޓަކައި ޝުކުރު އަދާކުރަން،" ދުނިޔޭގެ ބޮޑެތި މުބާރާތްތަކުގެ ފައިނަލް މެޗުތަކަށް އިންސާފުކޮށްފައިވާ އިޓަލީގެ ކުރީގެ ރެފްރީ ކޮލީނާ ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ 24 މެޗުގައި ނިންމާފައިވަނީ 302 ނިންމުމުގެ ތެރެއިން 289 ނިންމުމަކީ ބަރާބަރު ނިންމުން ކަމަަށެވެ. އަދި ގޯސްކޮށް ނިންމާފައިވަނީ އެންމެ 13 ނިންމުމެއް ކަމަށެވެ. އަދި 19 ގޯލެއް ސްކޯކުރިއިރު އެސިސްޓެންޓް ރެފްރީން ދިދަތިރިކޮށް ރަނގަޅު ނިންމުންތަކެއް ނިންމާފައިވާތީވެ އެކަމާ އުފާ ކުރާ ކަމަށެވެ.

އޭނާ އަދި ބުނީ ގޯލް ރޮނގު ހުރަސްކުރި ކަމަށް ޝައްކުވީ އެންމެ ތިން ފަހަރު ކަމަށާއި އޭގެ ތެރެއިން ދެ ނިންމުމަކީ ރެފްރީން ރަނގަޅަށް ނިންމާފައިވާ ނިންމުތަކެއް ކަމަށެވެ.

"އަނެއް ނިންމުން ގޯސް. އެކަމަކު މިއީ އިންސާނުން ކުރާ ކަމަކަށްވާތީ އެއީ އިންސާނުން އަތުން ހެދޭ ގޯސްތައް. އެސިސްޓެންޓް ރެފްރީން ވަރަށް ރަނގަޅަށް ތައްޔާރުކުރެވޭތޯ އަހަރުމެން ވަރަށް ރަނގަޅަށް މަސައްކަތްކުރިން. ޖުމުލަކޮށް މުޅި މުބާރާތުގެ ނިންމުންތައް ރަނގަޅު،" ދުނިޔޭގެ އެއްވަނަ ރެފްރީކަން އެތައް ފަހަރަކު ހޯދާފައިވާ ރެފްރީ ބުންޏެވެ.