26 Sep 2024, 12:52
ޔުއޭފާ ޔޫރޮޕާ ލީގުގައި އަލަށް ތައާރަފުކުރި ލީގު ފޭސްގައި އިޓާލިއަން ސެރީއާގެ ލާޒިއޯ އާއި ޔޫކްރޭނިއަން ޕްރިމިއާ ލީގުގެ އެފްސީ ޑީނަމޯ ކިޔޭވް ބައްދަލުކުރި މެޗު ލާޒިއޯއިން ކާމިޔާބުކޮށް އެޓީމުގެ ފެށުން ރަނގަޅުކޮށްދިއެވެ.
ޖަރުމަނުވިލާތުގައި ކުޅުނު މިމެޗު ލާޒިއޯއިން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ޑީނަމޯއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ލާޒިއޯއިންނެވެ. އަދި މިމެޗު ލާޒިއޯއިން ފެށީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ ހަތަރު ވަނަ މިނެޓުގައި އެޓީމުންވަނީ މެޗުގެ ލީޑު ނަގައިފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބޮއުލާޔޭ ޑިއާއެވެ. މިމެޗުގައި ލާޒިއޯއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި ޖަހައިދިނީ ފިސާޔޯ ޑެލެ ބަޝީރޫއެވެ. އަދި މިލަނޑު ޖެހިތާ ދެ މިނެޓްފަހުން އެޓީމުގެ ފަހު ލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ޑިއާއެވެ.
މިމެޗުގެ ދެވަނަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ދެޓީމުގެ ދެ ކުޅުންތެރިޔަކަށް ރަތް ކާޑު ދެއްކިތަން ފެނުނެވެ. މިގޮތުން މެޗުގެ 72 ވަނަ މިނެޓުގައި ޑީނަމޯގެ މަކްސީމް ބްރަހާރޫއަށް ރަތް ކާޑު ދެއްކިއިރު 82 ވަނަ މިނެޓުގައި ލާޒިއޯގެ ޓިޖާނީ ނޮސްލިންއަށްވެސް ވަނީ ރަތް ކާޑު ދައްކާފައެވެ.
މިމުބާރާތުގައި އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި ޑަޗް އެރެޑިވިސީގެ ޓްވެންޓޭ ބައްދަލުކުރި މެޗު އެއްލަނޑު އެއް ލަނޑުންވީ އެއްވަރެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 35 ވަނަ މިނެޓްގައި ކްރިސްޓިއަން އެރިކްސަން ކާމިޔާބުކޮށްދިން ލަނޑާއެކު ޔުނައިޓެޑުން މެޗުގެ ލީޑު ނެގި ނަމަވެސް ޓްވެންޓޭއިންވަނީ މެޗުގެ 68 ވަނަ މިނެޓގައި ސޭމް ލޭމާސް ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިމެޗުގައި ޔުނައިޓެޑުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
މީގެއިތުރުން ޓާކިޝް ސުޕާ ލިގްގެ ގަލަތަސަރާއީ އާއި ސުޕާ ލީގު ގްރީސްގެ ޕައޮކް އެފްސީ ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި ތިން ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ގަލަތަސަރާއިއެވެ. މިމެޗުގައި ގަލަތަސަރާއީއިން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ މެޗުގެ 48 ވަނަ މިނެޓުގައި ޕައޮކްގެ ބަބާ ރަހްމާންއަތުން ބައިކޮޅަށް ވަން ލަނދެކެވެ.
މިމެޗުގައި ޕައޮކް އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބު ކޮށް މެޗުގެ ނަތީޖާ އެޓީމަށް ހަމަހަމަ ކޮށްދިނީ ޖިއާނިސް ކޮންސްޓެންޓެލިއާސްއެވެ. ގަލަތަސަރާއިއިން މިމެޗުގެ ލީޑު ދެވަނަ ފަހަރަށް ނެގި މެޗުގެ 75 ވަނަ މިނެޓުގައި ޔޫނުސް އަކްގުން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި އެޓީމުގެ ފަހު ލަނޑު ޖަހައިދިނީ މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި މައުރޯ އިކާޑީއެވެ.