ލުބުނާނަށް އެއްގަމު މަގުން ހަމަލާދޭން ތައްޔާރުވަމުން އަންނަ ކަމަށް އިސްރާއީލުގެ އަސްކަރީ ވެރިޔާ ވިދާޅުވެއްޖެއެވެ.

އިސްރާއީލުން އެހެން ބުނެފައި ވަނީ ލުބުނާނަށް ވަރުގަދަ ވައިގެ ހަމަލާތައް ދޭތާ ތިން ވެފައިވަނިކޮށެވެ.

އަސްކަރީ ވެރިޔާ ހަރްޒީ ހަލެވީއާ ހަވާލާދީ އަލް ޖަޒީރާއިން ބުނީ ލުބުނާނަށް އެންމެ ފަހުން ދިން ވައިގެ ހަމަލާއަކީ އެއްގަމު މަގުން އެ ތަނަށް ވަނުމަށް ތައްޔާރުވުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.

އީރާނުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުالله އިން އިސްރާއީލަށް އިއްޔެ ހަމަލާދީފައިވާއިރު، އެ ހަމަލާއަށް ރަނގަޅު ރައްދެއް ލިބޭނެ ކަމަށާއި ތައްޔާރުވެގެން ތިބުމަށްވެސް އިސްރާއީލުން ވަނީ އިންޒާރުދީފައެވެ. އިސްރާއީލުން އެ އިޝާރާތް ކުރަނީ އެ ގައުމުގެ ޖާސޫސީ އިދާރާއަށް އަމާޒުކޮށް ހަމަލާދީފައިވާނެ ކަމަށް ހިޒްބުއްﷲ އިން އިއްޔެ ބުނި ބުނުމަށެވެ.

ބުދަ ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފޮނުއްވި ކުރު ވީޑިއޯ މެސެޖެއްގައި ވަނީ ގެދޮރު ގެއްލިފައިވާ އިސްރާއީލުގެ މީހުން އަނބުރާ ގައުމަށް ފޮނުވައި ދޭނެ ކަމަށް ވެފައިވާ ވައުދު ތަކުރާރުކުރައްވައިފައެވެ. އަދި ހިޒްބުالله އަށް ހީކުރާ ވަރަށް ވުރެ ބޮޑަށް ހަމަލާތައް ދެމުން އަންނަ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވިއެވެ.

ލުބުނާނުގެ ސިއްޚަތާބެހޭ ވަޒީރު ވިދާޅުވި ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި އިއްޔެ އެކަނިވެސް 51 މީހަކު ވަނީ މަރުވެފައެވެ. އަދި ފާއިތުވި ތިން ދުވަހުން މަރުވި މީހުންގެ އަދަދު 615 އަށް އުފުލިފައިވާ ކަމަށާއި 2،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ ދެކުނުގައި ދިރިއުޅޭ 90،000 އަށް ވުރެ ގިނަ މީހުން އުތުރަށް ދަތުކުރަމުން އަންނަ ކަމަށްވެސް އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ބުނެއެވެ.

އައިއޯއެމްއިން ބުނީ ގިނަ އަދަދެއްގެ ބަޔަކަށް އެއްފަހަރާ ލިބިދާނެ ގެއްލުމަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ލުބުނާނުގެ ސިއްޚަތާބެހޭ ވުޒާރާއިން ތައްޔާރުވަމުން އަންނަ ކަމަށެވެ.