އަވަސް އިންތިހާބަކަށް ގޮވާލައި އެމްޑީޕީން ކޮންމެ ހުކުރު ދުވަހަހުގެ ހަވީރު ބާއްވާ ސިލްސިލާ ހިނގާލުން މާލޭގެ ބޮޑަތި މަގުތަކުގައި މިރޭ ބާއްވައިފި އެވެ.

ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާލައި މިރޭ ކުރިއަށްގެންދިޔަ ހިނގާލުމުގައި އިސްކޮށްހުންނެވީ އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކާއި އެމްޑީޕީގެ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖުލީހުގެ ބައެއް މެންބަރުންނެވެ.

އުސްފަސްގަޑުން މިރޭ 9:30 އެހާކަންހާއިރު ފެށި ހިނގާލުމުގައި އެމްޑީޕީއަށް ސަޕޯޓްކުރާ އެކި އުމުރު ފުރާގެ ގިނަ އަދަދެއްގެ އަންހެނުންނާއި ފިރިހެނުން ބައިވެރިވި އެވެ.

އަވަސް އިންތިހާބަކަށް ގޮވާލަމުން ފެށި ހިނގާލުމުގައި ފުރަތަމަ ނުކުތީ މަޖީދީ މަގަށެވެ. އެއަށްފަހު ކަނބާއައިސާރަނިމަގުން އައިސް އަމީނީ މަގުން ކުރިއަށްގޮސް ނުކުތީ ބޮޑުތަކުރުފާނު މަގަށެވެ. ހިގާލުން ނިންމާލައިފައިވަނީ މިރޭ 11 ޖަހާކަން ހާއިރު އެވެ. މިރޭގެ ހިނގާލުމުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ.

މިރޭ އެމްޑީޕީން ބޭއްވި ހިގާލުމުގައިވެސް އާދައިގެމަތިން ރައީސް ވަހީދަށް މަލާތްމާތްކުރުމުގެ ގޮތުން ކާޅު އަޑުލައްވައި ހަދާފައިވެ އެވެ. އަދި ކާޅު ރަމްޒުކޮށްދޭ މޫނުމަތިތައްވެސް ބައެއް މީހުން އަޅައިގެން އުޅުނެވެ.

ފެބުރުއަރީ ހަތް ވަނަ ދުވަހު ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ފަހުން އެމްޑީޕީން އަންނަނީ ކޮންމެ ހުކުރު ދުވަހަކު ސިލްސިލާ ހިގާލުންތަކެއް ބާއްވަމުންނެވެ.