19 Aug 2010, 17:26
އާ ހާބަރު ސަރަހައްދުން ފުރަތަމަ ވިއްކަން ކަނޑައެޅި ހަތަރު ބިމުގެ ނީލަމުގައި ބައިވެރިވުމަށް އަގު ހުށަހަޅަމުންދާ ފަރާތްތައް އާންމު ކުރުމަށް މާލޭ މުނިސިޕަލްޓީން އިއުތިރާޒުކޮށްފި އެވެ.
މުނިސިޕަލްޓީގެ އިސްވެރިޔަކު ސަންއެފްއެމް އޮންލައިނަށް މި ހަފުތާގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނީލަމުގައި ވިއްކަން ނިންމާފައިވާ ބިންތަކުގެ ނީލަން ހިނގަމުންދާއިރު އެ ނީލަމުގައި ބައިވެރިވުމަށް އަގު ހުށަހަޅާ އެއްވެސް ފަރާތެއްގެ ނަމެއް އަދި އެ ނޫން ވެސް މައުލޫމާތެއް ހާމަ ކުރަން ގަސްދު ނުކުރައްވާ ކަމަށާއި އެ މައުލޫމާތު އާންމު ކުރާނީ ނީލަމުގެ މަރުހަލާ ނިމުމުން ކަމަށެވެ.
މާލޭ މުނިސިޕަލްޓީން ބުނި ގޮތުގައި ނީލަން ނިމޭނީ ޖެހިޖެހިގެން ތިން ދުވަހު އެއް އަގެއް އޮތުމަށް ފަހު، އޭރު އެންމެ މަތީ އަގެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.
ނީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ނަންތަކާއި މައުލޫމާތު އާންމު ނުކުރުމަކީ ނީލަމުގެ ޓްރާންސްޕޭރެންސީއާ މެދު ސުވާލު އުފެދޭ ކަމެއް ނޫންތޯ ދެންނެވުމުން މުނިސިޕަލްޓީގެ އިސް އޮފިޝަލު ވިދާޅުވީ އެކި ފަރާތްތަކުން ހުށަހަޅާ ބީޑްތައް ކޮންމެ ދުވަހަކު ވެސް ކަނޑަނީ މުނިސިޕަލްޓީގެ ތެރޭގައި އޮންނަ ތިން ބޭފުޅުންގެ ކޮމެޓީއެއްގެ ހާޒިރުގައި ކަމަށާއި މުނިސިލިޕަލްޓީން ބޭނުންވާ ފަރާތަކަށް ބިން ވިއްކާލުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އަދި ބިން ވިއްކުމުގެ މަރުހަލާއާ މެދު ސުވާލު އުފައްދާނެ ޖާގައެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަހުގެ އަށް ވަނަ ދުވަހު ފެށި ނީލަމުމުގެ ފުރަތަމަ މަރުހަލާގައި ނީލަން ކިޔަނީ ހާބަރު ސަރަހައްދުގެ ހަތަރު ބިމެކެވެ. އެ ބިންތަކުގެ ތެރެއިން މިއަދުގެ ނިޔަލަށް އެންމެ ބޮޑު އަގެއް ހުށަހަޅާފައި ވަނީ އަކަފޫޓަކަށް 6100ރ. ހުށަހަޅާފައިވާ 2000 އަކަފޫޓުގެ ސީ ފަހެއް ނަމްބަރުގެ ބިމަށެވެ. ދެވަނަ އަށް އެންމެ ބޮޑު އަގެއް ހުށަހަޅާފައި ވަނީ 2000 އަކަފޫޓުގެ ސީ ހައެއް ނަމްބަރުގެ ބިމަށެވެ. އެ ބިމަށް ހުށަހަޅާފައި ވަނީ އަކަފޫޓަކަށް 5348.78ރ. އެވެ. 7500 އަކަފޫޓުގެ ސީ ދޭއް ނަމްބަރުގެ ބިމަށް ހުށަހަޅާފައި ވަނީ އަކަފޫޓަކަށް 5200ރ. އެވެ. 5000 އަކަފޫޓުގެ ސީ ތިނެއް ނަމްބަރުގެ ބިމަށް ހުށަހަޅާފައި ވަނީ އަކަފޫޓަކަށް 5000ރ. އެވެ.