26 Sep 2024, 08:45
ކުރީގެ މަޝްހޫރު ބަތަލާ އުރުމިލާ މަޓޯންޑްކަރްގެ އަށް އަހަރުވީ ކައިވެނި ރޫޅާލަން ނިންމާފައިވާ ކަމަށް ބަތަލާގެ ގާތް ފަރާތަކުން މީޑިއާތަކަށް ޚަބަރުދީފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ހިންދުސްތާން ޓައިމްސްއާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ ވިޔަފާރިވެރިއާ މުހުސިން އަހްތަރު މީރުއާ ދެ މީހުންގެ ކައިވެނި ރޫޅާލަން ނިންމައި، އުރުމިލާ އެ މައްސަލަ ކޯޓަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
ދެ މީހުންގެ ކައިވެނި ރޫޅާލަން އުރުމިލާ ބޭނުންވި ސީދާ ސަބަބު ކަށަވަރުނުވާއިރު މިއީ ދެ މީހުން އެއްބަސްވެގެން ނިންމި ނިންމުމެއް ކަމަށް ނުބެލެވޭ ކަމަށް އިންޑިއާގެ ނޫސްތަކުގައިވެއެވެ.

އުރުމިލާގެ ކެރިއަރުގެ އެންމެ މަގުބޫލު އެއް ފިލްމު ކަމަށްވާ "ޖުދާއީ"ގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
އުރުމިލާއާއި މުހުސިން އަހުތަރުގެ ކައިވެނިކުރީ 2016 ވަނަ އަހަރު އިންޑިއާގެ މުމްބާއީގައި ވަރަށް ޕްރައިވެޓް ހަފުލާއެއްގައެވެ. މޮޑެލްކުރުމުގެ ދާއިރާގައި ވެސް މަސައްކަތްކޮށްފައިވާ ކަޝްމީރަށް އުފަން ވިޔަފާރިވެރިޔާ މުހުސިނަކީ އުރުމިލާއަށް ވުރެން އުމުރުގެ ގޮތުން 10 އަހަރު ދޮށީ މީހެކެވެ.
ނުވަދިހައިގެ އަހަރުތަކުގެ ތެރޭ ފިލްމު އިންޑަސްޓްރީގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދި ބަތަލާ މިހާރަކަށް އައިސް އެއްވެސް ވަރަކަށް ފިލްމުތަކުން ނުފެނެއެވެ. އުރުމިލާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2018 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ބްލެކްމެއިލް"ގެ ޚާއްސަ ލަވައަކުންނެވެ.
ފިލްމީ ދާއިރާއިން ދާދި އަވަހަށް ފެނިދާނެކަމުގެ އިޝާރާތެއް އުރުމިލާ މި ފަހުން ކޮށްފައިވާއިރު ބަތަލާއަކީ 2019 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ބައެއް ސިޔާސީ ޕާޓީތަކާ އެކު މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ.