ބޮލީވުޑްގެ ޒުވާން ބަތަލާ އަނަނިޔާ ޕާންޑޭ ލީޑް ރޯލު ކުޅޭ ސައިބާ ތުރިލާ ފިލްމު "ސީޓީއާރްއެލް"ގެ ރަސްމީ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ވިކްރަމްއަދިތިޔަ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޓެކްނޮލޮޖީއަށް އައި ކުރިއެރުމާ އެކު ޑިޖިޓަލް ދުނިޔޭގެ އަނދިރިކަން ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގެ ޓްރެއިލާއިން ދައްކާ ގޮތުގައި އަނަނިޔާ ކުޅެނީ އިންޓަނެޓްގެ ޒަރީއާއިން އަމިއްލަ ޒާތީ ދިރިއުޅުމުގައި ދުވަހުން ދުވަހަށް ހިނގާ ގިނަ ކަންކަން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރާ ޒުވާނެއްގެ ރޯލެވެ.

އަނަނިޔާ ކުޅޭ ކެރެކްޓަރު ނެއްލާގެ ދިރިއުޅުމަށް ބޮޑު ތޫފާނެއް އައިސް އޭއައި އެޕްލިކޭޝަނެއް ކަމަށްވާ 'ކޮންޓްރޯލް ޔޯ ލައިފް'އަށް ބަރޯސާވުމުން މުޅި އާއިލާ ނުރައްކަލަށް ވެއްޓި، އެ ކަމުން ސަލާމަތްވާނެ ގޮތްތައް ފިލްމުގައި ފެންނާނެއެވެ.

އަނަނިޔާ އެކްޓަރު ވިހާން ސަމަތުއާ އެކު--ފޮޓޯ/ޕިންކްވިލާ

އަނަނިޔާއާ އެކު މި ފިލްމުގައި ފެންނަ ފިރިހެން ތަރިއަކީ ދާދި ފަހުން ރިލީޒްކުރި ބަތަލާގެ ފުރަތަމަ ވެބް ސީރީޒް "ކޯލްމީ ބޭ"ގެ އެކްޓަރު ވިހާން ސަމަތެވެ. ފިލްމު "ސީޓީއާރްއެލް"ގެ ޓްރެއިލާ ބެލުމަށް ފަހު ވަރަށް ގިނަ ޒުވާނުން ވަނީ ފިލްމު ބަލަން ކެތްމަދުވެފައިވާ ކަމަށް ބުނެފައެވެ.

އިންޓަނެޓުގެ ވަބާގައި ގިނަ ޒުވާނުން މިހާރު ވެސް ޖެހި އެ ކަމަށް ދެވިހިފާފައިވާއިރު މި ފަދަ މައުޟޫއުތަކަށް ފިލްމު އުފައްދާ ވީހާ ވެސް ގިނަ ބަޔަކު ހޭލުންތެރިކުރުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް އެއް ބަޔަކު ވަނީ ބުނެފައެވެ.

މި ފިލްމު ނެޓްފްލިކްސް މެދުވެރިކޮށް ބެލުންތެރިންނަށް ދޫކޮށްލަން ކަނޑައަޅާފައިވާ ތާރީޚަކީ ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހެވެ.