އެމެރިކާގެ ކްރިޕްޓޯކަރަންސީ ބާޒާރުގައި ހިނގި އެންމެ ބޮޑު މާލީ ޖަރީމާތަކުގެ ތެރެއިން އެއް ޖަރީމާގައި ބައިވެރިވި ކެރޮލިން އެލިސަން 11 ބިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ދެ އަހަރު ދުވަހަށް ޖަލަށް ލާން ޙުކުމެއް އިއްވައިފިއެވެ.

މި ޙުކުމް އިއްވީ މެންހެޓަންގެ ފެޑެރަލް ޝަރީޢަތުގެ މަޖިލީހަކުންނެވެ.

އެލިސަންއަކީ އެފްޓީއެކްސް ކްރިޕްޓޯކަރަންސީ އެކްސްޗޭންޖާ ގުޅުންހުރި ވިޔަފާރިއެއް ކަމަށްވާ އަލަމޭޑާ ރިސާޗްގެ ސީއީއޯއެވެ. އޭނާ އިއުތިރާފުވެފައިވަނީ ހަތް ބާވަތެއްގެ ޖިނާއީ ކުށަށެވެ. މީގެ ތެރޭގައި އޮޅުވާލުމާއި މަކަރާއި ހީލަތުގެ ކުށްތައް ހިމެނެއެވެ.

ޤާނޫނީ ގޮތުން ބަލާއިރު އެލިސަންއަށް 110 އަހަރުގެ ޖަލު ޙުކުމެއް އިއްވިދާނެ ކަމަށް ވީނަމަވެސް، ފަނޑިޔާރު ލުއިސް ކަޕްލާން މި ކުރު ޙުކުމް އިއްވީ އެލިސަން ޕްރޮސެކިއުޓަރުންނާ އެއްބާރުލުން ދީފައިވާތީއާއި، އެފްޓީއެކްސްގެ ބާނީ ސެމް ބޭންކްމަން-ފްރައިޑްގެ ޝަރީއަތުގައި އެލިސަން ދީފައިވާ ހެކިބަހަށް ރިޢާޔަތްކޮށެވެ.

މި ހުކުމުގައި އެލިސަންއަށް އިއްވުނު 11 ބިލިއަން ޑޮލަރުގެ ޖޫރިމަނާއަކީ އެފްޓީއެކްސްގެ ސީއީއޯ އަދި މިޚިޔާނާތުގެ އެންމެ މުގުލުގައި ހުރި ބޭންކްމަން-ފްރައިޑްއަށް ވެސް ކުރި ޖޫރިމާނާގެ އަދަދާ އެއްވަރުގެ އަދަދެކެވެ.

ޕްރޮސެކިއުޓަރުން ބުނެފައިވާ ގޮތުގައި އެލިސަން 20 ފަހަރަށްވުރެ ގިނައިން ތަޙުޤީޤުކުރާ ފަރާތްތަކާ ބައްދަލުކޮށް، މުހިންމު މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އޭނާގެ ހެކިބަސް ބޭންކްމަން-ފްރައިޑްގެ މައްޗަށް ދަޢުވާކޮށް ކުށް ސާބިތުކުރުމަށް ވަރަށް މުހިންމު ކަމަށް ފާހަގަކޮށްފައިވެއެވެ.

އެލިސަން އެފްޓީއެކްސްގެ ކަސްޓަމަރުންގެ ޑިޕޮސިޓްތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ކުންފުނީގެ އެގްޒެކެޓިވުންނަށް ލޯނު ދިނުމާއި، އިންވެސްޓްމަންޓްތައް ކުރުމާއި، ސިޔާސީ ކެމްޕޭނުތަކަށް ފައިސާ ހަދިޔާކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބުނެއެވެ.

މި އަހަރުގެ ކުރީކޮޅު ބޭންކްމަން-ފްރައިޑްއަށް 25 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވެއެވެ.

ޕްރޮސެކިއުޓަރުން ބުނެފައިވާ ގޮތުގައި ބޭންކްމަން-ފްރައިޑްއަކީ މި މާލީ ޖަރީމާގެ އެންމެ އިސް ފަރާތް ކަމަށްވާއިރު، އެލިސަންއަކީ އޭނާއަށް އެހީތެރިވި ފަރާތެކެވެ.