29 Jun 2012, 20:43
މި އަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ ބުރުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި ކުޅުނު މިމެޗް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ ސްޕޯޓްސް ކްލަބް ސިޓީއާ ވާދަކޮށް ތިން ސެޓް ދެ ސެޓުން ނެވެ.
މެޗުގެ ސެޓްތައް ދެ ޓީމުން ގެންގޮސްފައިވާ ގޮތަށް ބަލާ އިރު މެޗުގެ ފުރަތަމަ ދެ ސެޓް ކާމިޔާބު ކުރީ ސިޓީ އިންނެވެ. އެއީ 26-24 އަދި 25-21 އިންނެވެ. އަދި މެޗުގެ ބާކީ ތިން ސެޓް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައި ވަނީ 25-20، 25-14 އަދި 15-12 އިންނެވެ.
މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސިޓީގެ މުހައްމަދު ޒިޔާނެވެ.
މުބާރާތުގައި ވާދަކުރަނީ މިދިޔަ އަހަރުގެ ލީގުގެ ގަދަ ހަ ޓީމުގެ ތެރޭގައި ހިމެނޭ ލީގުގެ ޗެމްޕިއަން ކްލަބް ޕީކޭ އާއި ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބާއި އެސްޓީއޯ އަދި ސްޕޯޓްސް ކްލަބް ގުޑީސް އެވެ. މިދިޔަ އަހަރު ލީގުގެ ހަ ވަނަ ހޯދި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް މި އަހަރުގެ މުބާރާތުގައި ބައިވެރިނުވާތީ ލީގުގެ ހަ ވަނަ ޖާގަ ދިނީ މިދިޔަ އަހަރުގެ ހަތް ވަނަ ހޯދި ސްޕޯޓްސް ކްލަބް ސިޓީއަށެވެ.
މުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ފުރަތަމަ ބުރުގައި ކޮންމެ ޓީމެއް ވެސް ކޮންމެ ޓީމަކާ އެއް ބުރު ކުޅުމަށް ފަހު ދެ ވަނަ ބުރު ފަށާ ގޮތަށެވެ.
މުބާރާތުގެ ފުރަތަމަ ބުރުގައި ޖުމްލަ 15 މެޗް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.