ސްޕެނިޝް ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ކުޅެމުންދާ ފަރަންސޭސިވިލާތު ޤައުމީ ޓީމުގެ ކެޕްޓަން ކިލިއަމް އެމްބާޕޭގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާކަން ރެއާލް އިން ޔަގީން ކޮށްދީފިއެވެ.

އެމްބާޕޭގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވަނީ ރެއާލް އެންމެ ފަހުން ޑިޕޯޓިވޯ އަލަވޭސް އާއި ބައްދަލުކޮށް 3-2 އިން މޮޅުވި މެޗުގައެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި އެމްބާޕޭ ވަނީ ލަނޑެއްވެސް ކާމިޔާބު ކޮށްފައެވެ. އެމްބާޕޭ ވަނީ ރޭ ކުޅުނު އެ މެޗުގެ 80 ވަނަ މިނެޓުގައި ބަދަލުކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ކާލޯ އެންޗެލޯޓީ ހާމަކުރިގޮތުގައި އެމްބާޕޭގެ ހާލު ރަނގަޅު ކަމަށާއި ކައިރީ ކައިރީ ގިނަ މެޗުތަކެއް ކުޅުމުން ކުޑަކޮށް ވަރުބަލިކަން އިހްސާސް ކުރެވުނީ ކަމަށެވެ. އަދި އެމްބާޕޭ ބަދަލުކުރީ އޭނާ އެދިގެން ކަމަށާއި ނަމަވެސް އެއީ އަނިޔާއެއް ވެދާނެތީ އެކަމުން ސަލާމަތްވުމަށް އޭނާ އެދުނު އެދުމެއް ކަމަށެވެ.

ނަމަވެސް މިއަދު ހެދި ޓެސްޓް ތަކުން ހާމަވިގޮތުގައި އެމްބާޕޭގެ ވައަތު ފައިގެ ފަލަމަސްގަނޑަށްވަނީ އަނިޔާވެފައެވެ. އަދި މިއާއެކު އޭނާގެ ހާލު މޮނީޓާ ކުރަމުންދާނެކަމުގައި ރެއާލް އިން ހާމަކޮށްފައިވެއެވެ.

މި އަނިޔާ އާއެކު މި އަންނަ އާދިއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޑްރިޑް ޑާބީގެ ގޮތުގައި މަޝްހޫރުވެފައިވާ އެޓްލެޓިކޯ މެޑްރިޑާއި ބައްދަލުކުރާ މެޗުގައި ނުކުޅެވޭނެކަންވަނީ ގާތްގަނޑަކަށް ޔަގީންވެފައެވެ.

އަދި މީގެއިތުރުން ޔުއޭފާ ޗެމްޕިއަންސް ލީގުގައި ލީލް އާއި ލަލީގާގައި ވިޔަރެއާލްއާ ދެކޮޅަށް ކުޅެ މެޗުގައި ވެސް އެމްބާޕޭއަށް ފަހަރެއްގައި ނުކުޅެވިދާނެއެވެ. އެމްބާޕޭވަނީ ރެއާލްއަށް މިހާތަނަށް ކުޅުނު ހަތް މެޗުގައި ހަ ލަނޑު ޖަހައިދީފައެވެ.