ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އުޅަނދުތަކެއް، އެ އުޅަނދުތަކުގެ ވެރިފަރާތްތަކުން 60 ދުވަސްތެރޭ ގެންދަން އަންގައި އިއުލާނުކޮށްފިއެވެ.

ފުލުހުންކުރި އިއުލާނެއްގައިވަނީ އެ 21 އުޅަނދު، އޭގެ ވެރިފަރާތުން މިއަދުން ފެށިގެން 60 ދުވަހުގެ ތެރޭ ގެންދިޔުމަށް އަންގާފައެވެ.

އަދި 60 ދުވަސްތެރޭ ނުގެންގޮސް ހުންނަ އުޅަނދުތައް ގާނޫނުގެ ދަށުން ހަމަޖެހިފައިވާ އުސޫލުގެމަތިން ނައްތާލުމުގެ މަސައްކަތް ފުލުހުންގެ ފަރާތުން ކުރަމުންގެންދާނެ ކަމަށް ބުނެފައިވެއެވެ.

ފުލުހުން ނެރުނު ލިސްޓުގައި ހިމެނެނީ އަށް ސައިކަލާއި 13 ކާރެވެ. އެ ލިސްޓުގައި، ވެހިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ނެގި ތަނާއި ވެހިކަލް ރެޖިސްޓާކޮށްފައިވާ ފަރާތުގެ އައިޑީކާޑު ނަންބަރު ހާމަކޮށްފައިވެއެވެ.

މީގެ ކުރިން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ހަވާލުނުވާ އެތައް ވެހިކަލެއް ނައްތާލާފައި ވެސްވެއެވެ.

އާއްމުގޮތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކާއި، ގިނަ ދުވަސްތަކެއް ވަންދެން ނުދުއްވާ އެއްތަނެއްގައި ޕާކުކޮށްފައިވާ އުޅަނދުތަކެވެ.