25 Sep 2024, 22:38
ޗެޓްޖީޕީޓީގެ އައު ވޮއިސް އެސިސްޓެންޓް ތަޢާރަފު ކޮށްފިއެވެ.
އޯޕަންއޭއައިގެ ޗެޓްޖީޕީޓީ ވޮއިސް އެސިސްޓެންޓް މި ހަފުތާގައި ފައިސާ ދައްކާ ހުރިހާ ސަބްސްކްރައިބަރުންނަށް ލިބެން ފަށައިފައިވާއިރު، މި އެޑްވާންސްޑް ވޮއިސް މޯޑް (އޭވީއެމް) އަކީ އޭއައި ޓެކްނޮލޮޖީގެ އައު ފީޗާއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
އެޑްވާންސްޑް ވޮއިސް މޯޑް (އޭވީއެމް)ގެ މައިގަނޑު ބައެއް ފީޗާތަކުގެ ތެރޭގައި 50 އަށްވުރެ ގިނަ ބަސްތަކުން މުޢާމަލާތުކުރުމުގެ ޤާބިލުކަން ހިމެނެއެވެ. މީގެ އިތުރުން ފަސް އައު އަޑު ތަޢާރަފުކޮށްފައިވެއެވެ. އެއީ އާބާ، މޭޕަލް، ސޯލް، ސްޕްރޫސް އަދި ވޭލްއެވެ.
ޔޫޒަރުންގެ ބޭނުންތަކަށް ފެތޭގޮތަށް ކަސްޓަމައިޒް ކުރެވުމަކީ ވެސް މި ފީޗާގެ ޚާއްޞަކަމެކެވެ. އަދި އިންޓަވިއު ޕްރެކްޓިސް ކުރުމުގެ ފުރުސަތު ވެސް މި ފީޗާގައި ހިމެނެއެވެ.
މި ފީޗާ އިތުރަށް ރަނގަޅުކޮށް، އަޑުގެ އަވަސްމިނާއި، ވާހަކަދެއްކުމުގެ ސާފުކަމާއި، ޓޯން ބަދަލުކުރުމުގެ ޤާބިލުކަން އިތުރުކޮށްފައިވާ ކަމަށް އޯޕަންއޭއައިން ބުނެއެވެ. އަދި ވާހަކަދައްކާ މީހާގެ ޓޯނަށް ބަދަލުވެ، ހަގީގީ މީހަކާ ވާހަކަދައްކާ ކަހަލަ އިހުސާސެއް ދޭން މަސައްކަތްކުރާ ކަމަށްވެސް ބުނެއެވެ.
މި ފީޗާގެ އަޑު މަޝްހޫރު ހޮލިވުޑް އެކްޓްރެސް ސްކާލެޓް ޖޮހަންސަންގެ އަޑާ ވަރަށް ގާތްކަމަށް ފާހަގަކުރެވި، އޭނާ ވަނީ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދީފައެވެ. ނަމަވެސް، އޯޕަންއޭއައިން ބުނާ ގޮތުގައި މިހާރު ބޭނުންކުރާ އަޑުތައް ޖޮހަންސަންގެ އަޑާ ތަފާތު ވާނެއެވެ.
ޗެޓްޖީޕީޓީ ޕްލަސް ސަބްސްކްރިޕްޝަން ނަގާ ފަރާތްތަކަށް މަހަކު 20 ޑޮލަރަށް މި ފީޗާ ބޭނުންކުރެވޭނެއެވެ.
އަދި ޓީމް ޔޫސަރުންނަށް މި ހަފުތާގައި ލިބެން ފެށުމަށްފަހު، އެންޓަޕްރައިސް އަދި އެޑިއު ޔޫސަރުންނަށް މި ފީޗާ ކުރިއަށް އޮތް ހަފުތާގައި ލިބޭނެ ކަމަށް އޯޕަންއޭއައިން ބުނެފައިވެއެވެ.