25 Sep 2024, 21:43
ފަރަންސޭސިވިލާތުގައި އުފެދުނު އެންމެ ފާހަގަ ކޮށްލެވޭ ޑިފެންޑަރުންގެ ތެރޭގައި ހިމެނުނު ރަފައެލް ވެރާން ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.
އުމުރުން 31 އަހަރުގެ ވެރާން ވަނީ މި އަހަރުގެ ޖުލައި މަހު ފްރީ ޓްރާންސްފާއެއްގެ ދަށުން އިޓާލިއަން ސެރީއާގެ ކޯމޯއަށް ސޮއިކޮށްފައެވެ.
ނަމަވެސް މިދިޔަ މަހު ސެމްޕްޑޯރިއާ އާއި ދެކޮޅަށް އޭނާ ކޯމޯއަށް ކުޅުނު ފުރަތަމަ މެޗުގައި ކަކުލަށްވަނީ އަނިޔާވެފައެވެ. ވެރާން ކުޅުން ހުއްޓާލިކަން ހާމަކޮށްފައިވަނީ އިންޓަގްރާމްގައި އާންމު ކުރި މެސެޖެއްގައެވެ. ވެރާން ހާމަކުރިގޮތުގައި އޭނާ ކުޅުން ހުއްޓާލި ނަމަވެސް ކޯމޯގައި އޭނާ އެހެން ހައިސިއްޔަތަކުން މަޑުކުރާނެ ކަމަށެވެ.
ވެރާން ކުޅެން ފަށާފައިވަނީ ފަރަންސޭސިވިލާތުގެ ލޯންސްއިންނެެވެ. އަދި އެކްލަބްގެ ސީނިއާ ޓީމުގައި އެއް އަހަރު ހޭދަކުރުމަށްފަހު 2011 ވަނަ އަހަރު ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑަށް ސޮއި ކުރިއެވެ.
މިގޮތުން އޭނާ ރެއާލްގައިވަނީ ވަރަށް ކާމިޔާބު 10 ސީޒަން ހޭދަކޮށްފައެވެ. މިގޮތުން މި މުއްދަތުގެ ތެރޭގައި ވެރާންވަނީ 18 ތަށި ރެއާލް އާއެކު ކާމިޔާބު ކޮށްފައެވެ. މީގެތެރޭގައި ލަލީގާ ތިން ފަހަރު އަދި ޔުއޭފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބު ކޮށްފައިވެއެވެ.
އަދި 2021ވަނަ އަހަރު އޭނާ އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވިއެވެ. ޔުނައިޓެޑްގައި އޭނާ ހޭދަކުރި ތިން ސީޒަންގައި އަނިޔާގެ ގިނަ މައްސަލަ ތަކަކާއި ކުރިމަތިވި ނަމަވެސް 95 ފަހަރު އެ ޓީމަށް އޭނާ ކުޅެފައިވެއެވެ.
ޔުނައިޓެޑާއެކު ވެރާންވަނީ 2022 ވަނަ އަހަރުގެ ކަރަބާއޮ ކަޕް ކާމިޔާބު ކޮށްފައެވެ. އަދި އެ ޓީމަށް ކުޅުނު ފަހު މެޗަކަށް ވެގެންދިޔައީ މިދިޔަ ސީޒަންގައި އެފް އޭ ކަޕްގެ ފައިނަލްގައި ސިޓީ ބަލިކުރި މެޗަށެވެ.
ވެރާންވަނީ ފަރަންސޭސި ޤައުމީ ޓީމާއެކުވެސް ކާމިޔާބު އަހަރު ތަކެއް ހޭދަކޮށްފައެވެ. މިގޮތުން 2013 ވަނަ އަހަރު ޤައުމީ ޓީމަށް އަލަށް ކުޅެން ފެށި ވެރާންވަނީ އެޓީމަށް 93 މެޗު ކުޅެދީފައެވެ.
އަދި ފަރަންސޭސި ޤައުމީ ޓީމާއެކު 2018 ވަނަ އަހަރުގެ ފީފާ ވާރލްޑް ކަޕާއި 2021 ވަނަ އަހަރުގެ ޔުއޭފާ ނޭޝަންސް ލީގު ހިމެނެއެވެ. އަދި 2022 ވަނަ އަހަރު ވާލްޑް ކަޕްގެ ފައިނަލުން ޖާގަހޯދި ޓީމުގައި ވެސް ވެރާން ހިމެނުނެވެ.
ވެރާން ހާމަކުރިގޮތުގައި އޭނާ އެތައް ހާސް ފަހަރަކު ވެއްޓި އަދި ތެދުވެވިފައިވާ ކަމަށާއި ނަމަވެސް މިފަހަރު މިއީ މަޑު ޖެހިލާ ބޫޓު ބަހައްޓަންވީ ވަގުތުކަމުގައި ގަބޫލް ކުރެވޭކަމަށެވެ.
އޭނާ އެއްވެސް ކަމަކާ ހިތާމަ ނުކުރާ ކަމަށާއި އޭނާގެ ކެރިއަރުގެ އެއްވެސް ހިސާބެއްގައި ނިންމި އެއްވެސް ނިންމުމެއް ބަދަލުކުރަން ނުވަތަ ބަދަލުވާން ނޭދޭ ކަމަށެވެ.
އަދި އޭނާ ދުވަހަކު ވެސް ހުވަފެނުން ނުދެކޭވަރުގެ ކާމިޔާބު ކެރިއަރެއް ލިބިއްޖެކަމަށާއި އަދި ކާމިޔާބު ކުރެވުނު ތައްޓާއި އިނާމްތަކުގެ އިތުރަށް އޭނާ ކުޅުނު ކޮންމެ ޓީމެއްގައިވެސް އޭނާގެ އުސޫލުތަކާއި އެއްގޮތަށް ކަންކުރެވި އަދި ދިޔައިރު އެ ޓީމެއް ކުރިން އޮތް ވަރަށް ވުރެ ރަނގަޅު ހިސާބަކަށް ގެންދިއުމުގައި އެހީތެރިވެދެވުމުގެ އުފާ ލިބިފައިވާ ކަމަށެވެ.