ދުނިޔޭގެ އެންމެ މަޤްބޫލު ވީޑިއޯ ސްޓްރީމިންގ ޕްލެޓްފޯމް ކަމަށްވާ ޔޫޓިއުބްއިން، އޭގެ އިސްތިހާރު ނުހިމެނޭ ސަބްސްކްރިޕްޝަން ޕްލޭން، ޔޫޓިއުބް ޕްރީމިއަމްގެ އަގު ބައެއް ގައުމުތަކެއްގައި ބޮޑުކޮށްފިއެވެ.

މި އަގު ބޮޑުކުރުން އަމާޒުކޮށްފައިވަނީ ޔޫރަޕްގެ ބައެއް ގައުމުތަކާއި، މެދުއިރުމަތީގެ ގައުމުތަކާއި، އޭޝިއާގެ ބައެއް ގައުމުތަކަށެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެވިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ބެލްޖިއަމް، އަޔަލޭންޑް، އިޓަލީ އަދި ނެދަލޭންޑްސްގައި 'ސިންގަލް' ޕްލޭންގެ އަގު 11.99 ޔޫރޯއިން 13.99 ޔޫރޯއަށް ބޮޑުކޮށްފައިވެއެވެ. 'ފެމިލީ' ޕްލޭންގެ އަގު މި ގައުމުތަކުގައި ވަނީ 40 އިންސައްތައާ ގާތަށް ބޮޑުކޮށް، 17.99 ޔޫރޯއިން 25.99 ޔޫރޯއަށް އިތުރުކޮށްފައެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ސަޢޫދީ އަރަބިއްޔާގައި ވެސް އަގުތައް ބޮޑުކޮށްފައިވެއެވެ. ޔޫއޭއީގައި ސިންގަލް ޕްލޭންގެ އަގު 23.99 ދިރުހަމުން 26.99 ދިރުހަމަށް ބޮޑުކޮށްފައިވާއިރު، ފެމިލީ ޕްލޭންގެ އަގު 35.99 ދިރުހަމުން 48.99 ދިރުހަމަށް ބޮޑުކޮށްފައިވެއެވެ.

އޭޝިއާގެ ގައުމުތަކުގެ ތެރެއިން މެލޭޝިއާ، އިންޑޮނޭޝިއާ، ސިންގަޕޫރު އަދި ތައިލެންޑްގައި ވެސް އަގުތައް ބޮޑުކޮށްފައިވެއެވެ. މިސާލަކަށް މެލޭޝިއާގައި ސިންގަލް ޕްލޭންގެ އަގު 17.90 ރިންގިޓުން 20.90 ރިންގިޓަށް ބޮޑުކޮށްފައިވާއިރު، ފެމިލީ ޕްލޭންގެ އަގު 33.90 ރިންގިޓުން 41.90 ރިންގިޓަށް ބޮޑުކޮށްފައިވެއެވެ.

ޔޫޓިއުބުން ބުނެފައިވަނީ، މި ބަދަލު ގެނެސްފައިވަނީ ޕްރީމިއަމް ޚިދުމަތް އިތުރަށް ރަނގަޅުކޮށް، ޔޫޓިއުބްގައި ހުންނަ ކޮންޓެންޓް ކްރިއޭޓަރުންނާއި އާޓިސްޓުންނަށް އެހީތެރިވުމަށް ކަމަށެވެ. ނަމަވެސް، ގިނަ ޔޫޒަރުން މި އަގު ބޮޑުކުރުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މި އަގު ބޮޑުކުރުމަކީ ޔޫޓިއުބްއިން ފަހަކަށް އައިސް ގެނެސްފައިވާ ދެވަނަ ބޮޑު ބަދަލެވެ. މީގެ ކުރިން، ޔޫޓިއުބްގެ ސަބްސްކްރިޕްޝަންގެ އަގު އިންޑިއާގައި ވެސް މަތިކޮށްފައިވެއެވެ. މި ބަދަލުތަކުން ދޭހަވަނީ ޔޫޓިއުބްގެ ވިޔަފާރި މޮޑެލްގައި ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމެވެ.