މިލްކުވެރިފަރާތަކާއި މެދު ސުވާލު އުފެދި މައްސަލަ ބޮޑުވެފައިވާ ދެ މާވަހަރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ފުލުހުން މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހދ. ހަނިމާދޫ މީހަކު ހޮވާފައިވާ މާވަހަރަކާއި ފ. ހިމިތި ކިޔާ ފަޅުރަށަކުން ހޮވާފައިވާ މާވަހަރެއް ކަމަށެވެ.

ހަނިމާދޫން ހޮވާފައިވަނީ 25 ކިލޯގެ މާވަހަރެކެވެ. ހިމިތިން ހޮވި މާވަހަރުގައި 42 ކިލޯ ހުރިކަމަށްވެ އެވެ.

އެ މާވަހަރުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި މިވަނީ ސިވިލް ކޯޓުގެ އަމުރަކާއި ގުޅިގެންނެވެ.

ހަނީފު ވިދާޅުވީ ހަނިމާދޫ މާވަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ މާވަހަރު ފުލުހުންނާއި ހަވާލުކުރީ އެ ހޮވައިގެން އުޅޭ މީހުން އަމިއްލަޔަށް ކަމަށްވެސް ވިދާޅުވި އެވެ.

"ހިމިތި"ން ހޮވި މާވަހަރު ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެނައީ އެ މާވަހަރު އޮތް ތަނަށް ފުލުހުން ގޮސް ކަމަށްވެސް ހަނީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ދެ މާވަހަރުވެސް ފިނޭންސް މިނިސްޓްރީއާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"އެތަކެތި އަޅުގަނޑުމެން ހަވާލުކުރާނީ ފިނޭންސް މިނިސްޓްރީއާ، އެ މަސައްކަތް މިދަނީ ކުރަމުން،" ހަނީފު ވިދާޅުވި އެވެ.

މިފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުން މާވަހަރު ފެނުން ވަނީ އާންމު ކަމަކަށް ވެފަ އެވެ. އެގޮތައް ހޮވި ގިނަ މާވަހަރުތައް ބެހުމުގައި ބޮޑަތި ހިޔާލުތަފާތުވުންތައް އުފެދި މާވަހަރުތަކުގެ މައްސަލަ ވަނީ ބޮޑު މައްސަލައަކަށްވެފަ އެވެ.