25 Sep 2024, 15:52
ކަރަބާއޮ ކަޕްގެ ހަތަރު ވަނަ ބުރުން މެންޗެސްޓާ ސިޓީ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ހަތަރުވަނަ ބުރުން ސިޓީ ޖާގަހޯދާފައިވަނީ ތިންވަނަ ބުރުގައި ޗެމްޕިއަންޝިޕަށް ނިސްބަތްވާ ވޮޓްފަޑާ ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި ކުޅެ ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްގެންނެވެ.
ސިޓީން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މިމެޗުގެ ލީޑު ސިޓީން ނަގާފައިވަނީ މެޗުގެ ފަސް ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ޖެރެމީ ޑޮކޫ ޖަހައިދިން ލަނޑުންނެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 38ވަނަ މިނެޓުގައި ޖަހައިދިނީ މެތިއަސް ނޫނޭސްއެވެ.
މިއީ އޭނާ ސިޓީއަށް ބަދަލުވިފަހުން މިހާތަަށް ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. މިމެޗުގައި ވޮޓްފަޑްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 86ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޓޮމް އިންސްއެވެ.
އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ އެގާރައިގާ ކުޅުންތެރިންގެ ތެރެއިން މިމެޗުގައި ފެނިގެންދިޔައީ ކައިލް ވޯކާ އާއި ޑޮކޫ އެކަންޏެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ވަނީ މި މުބާރާތަކީ ވެސް މުހިންމު މުބާރާތެއް ނަމަވެސް ކުޅެން ޖެހޭ މެޗުތަކުގެ އަދަދު އިތުރު ވެފައިވުމުގެ ސަބަބުން ކުރިން ދިން ހާ މުހިންމުކަން މިމުބާރާތަށް ނުދެވިދާނެކަން ހާމަކޮށްފައެވެ.
މިގޮތުން ހަތަރުވަނަ ބުރުގައި ކުޅޭ މެޗުގައި ވެސް ފެންނާނީ ސިޓީގެ ދެވަނަ ޓީމު ކަމުގައި އޭނާ ހާމަކުރިއެވެ. މިހާ މެޗު ގިނަ ވެފައިވުމުން ކޮންމެ މުބާރާތަށް އެއް ވަރެއްގެ ސަމާލުކަން ދިނުމަކީވާނެކަމެއް ނޫން ކަމުގައި އޭނާ ހާމަކުރިއެވެ. ޕެޕްގެ ބެލުމުގެ ދަށުން ސިޓީއިން ވަނީ ކަރަބާއޮ ކަޕްގެ ތަށި ހަތަރު ފަހަރު އުފުލާލައިފައެވެ.
މިމުބާރާތުގެ ހަތަރު ވަނަ ބުރުން ވަނީ ލެސްޓާ ސިޓީ ވެސް ޖާގަ ހޯދައިފައެވެ. ލެސްޓާއިން ހަތަރު ވަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި ވޯލްސޯލާ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވުމުން ޕެނަލްޓީ ޖަހައިގެން ތިން ލަނޑު ސުން ލަނޑުންނެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި ލެސްޓާއިން ކާމިޔާބު ކުރި ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބު ކުރިއިރު ވޯލްސޯލްގެ ތިން ޕެނަލްޓީ ވެސް ކާމިޔާބު ވާ ގޮތެއް ނުވިއެވެ.