25 Sep 2024, 16:11
ޓެލްއަވީވު (25 ސެޕްޓެމްބަރު 2024): އިސްރާއީލުން ލުބްނާނަށް އެއްގަމުން އަރައިގަންފި ހާލަތެއްގައި އިސްރާއީލާ ދެކޮޅަށް ހިޒްބުﷲއިން ކުރާ ޖިހާދުގައި ބައިވެރިވުމަށް އަރަބި ބައެއް ގައުމުތަކުން ވޮލަންޓިއަރުންގެ ގޮތުގައި 40،000 އަށްވުރެ ގިނަ މީހުން ސޫރިޔާއަށް ޖަމާވުމުގެ މަސައްކަތް ކުރިއަށްދާކަމަށް ކަމާބެހޭ ރިޕޯޓްތަކެއް ބުނެފިއެވެ.
އިސްރާއީލުގެ ޖާސޫސީ އަދި އަސްކަރީ މަސްއޫލުވެރިންނާ ހަވާލާދީ މީޑީއާ ރިޕޯޓްތައް ބުނާގޮތުން އިރާގާއި ޔަމަނާއި އަދި ސޫރިޔާގެ އެތައް ހާސް ޒުވާނުން ތިބީ އިސްރާއީލާ ދެކޮޅަށް ހިޒްބުﷲއިން ފަށާފައިވާ ޖިހާދުގައި ބައިވެރިވުމަށް ކެތްމަދުވެފައެވެ.
މި ތިން ގައުމުން 40،000 އަށް ވުރެ ގިނަ ވޮލަންޓިއަރުން ސޫރިޔާއަށް ޖަމާވުމުގެ ދަތުރުތައް މިހާރު ފަށާފައިވާ ކަމަށާއި އެ މީހުން ހިޒްބުﷲ އާ ގުޅޭނީ ސޫރިޔާގެ މަގުންކަމަށް ބެލެވޭ ކަމަށާއި މިއީ އިސްރާއީލަށް ވަރަށް ބިރުހުރި ކަމެއް ކަމަށް އިސްރާއީލުގެ ޖާސޫސީ އަދި އަސްކަރީ މަސްއޫލުވެރިންނާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ "ހާއާރެޓްސް" ބުނެއެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ނަން ހާމަކުރަން ނޭދޭ ކޮމާންޑަރަކު ވިދާޅުވެފައިވާ ގޮތުގައި އިސްރާއީލުން ލުބްނާނާ ދެކޮޅަށް ހިންގާ ޓެރަރިޒަމްގެ ހަރަކާތްތައް ފުޅާވަމުންދާނަމަ އަދި އިސްރާއީލު ސިފައިން އެއްގަމުން ލުބްނާނަށް އަރައިގެންފި ނަމަ އަރަބި އިސްލާމީ އެތައް ގައުމެއްގެ އެތައް ހާސް ވޮލަންޓިއަރުން ކުރު މުއްދަތެއްގެ ތެރޭގައި ހިޒްބުﷲ އާ ގުޅޭނެއެވެ. މިކަމުގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިއަށް ދެއެވެ.
އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުގެ ޓެރަރިސްޓް ހަމަލާތަކުން ހިޒްބުﷲ އާއި ލުބްނާނުގެ ރައްޔިތުން ބަލި ނުކުރެވޭނެއެވެ. ހިޒްބުﷲ އަތުގައި އިސްރާއީލާ ކުރިމަތިލެވޭ ވަރުގެ ބާރުގަދަ ހަތިޔާރާއި ހިތްވަރު ހުންނާނެއެވެ. އަދި، ހިޒްބުﷲ އަށް ވާގިވެރިވުމުގައި އީރާން ދެމި އޮންނާނެއެވެ. މީގެ އިތުުރުން، އިސްލާމީ އެތައް ގައުމެއްގެ އެތައް ހާސް ވޮލަންޓިއަރުން ވެސް ރިޒާވް މުޖާހިދުންގެ ގޮތުގައި ހިޒްބުﷲ އާ ގުޅެން ތައްޔާރަށް އެބަތިބި ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ކޮމާންޑަރު ވިދާޅުވިއެވެ.
ލަންޑަންގައި ނުކުންނަ ނޫހެއް ކަމަށްވާ "ޓެލްގްރާފް" ބުނާ ގޮތުން ހިޒްބުﷲ އަތުގައި އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ބޮޑެތި ގެއްލުންތަކެއް ދެވޭވަރުގެ ބާރުގަދަ މިސައިލްތައް އެބަހުއްޓެވެ. ނަމަވެސް، އެ މިސައިލްތައް އަދި ބޭނުން ނުކުރެއެވެ.
މުހައްލިލުން ބުނާ ގޮތުގައި އިސްރާއީލުގެ ޓެރަރިޒަމާ ކުރިމަތިލުމުގައި ހިޒްބުﷲ ގެންގުޅޭނެ ކަމަށް ބެލެވޭ ސްޓްރެޓެޖީއަކީ ދިގުލީ ހަނގުރާމައަކަށް ދިޔުމެވެ. ދިގުލީ ހަނގުރާމައަކަށްދާ ފަރާތްތަކުން އާންމު ގޮތެއްގައި ގެންގުޅޭ ސްޓްރެޓެޖީއަކީ ބާރުގަދަ ހަތިޔާރުތައް ފަހަށް ބަހައްޓާފައި އާދައިގެ ހަތިޔާރުން ފުރަތަމަ ހަނގުރާމަ ކުރުމެވެ.
ރަޝިއާއަކީ ދުނިޔޭގެ ހަތިޔާރުގެ ސިނާއަތު އެންމެ ބޮޑަށް އޮތް ގައުމުކަމަށް ވިޔަސް ޔުކްރެއިންގެ ފަހަތުގައި ނޭޓޯގެ ހުރިހާ ގައުމެއް އޮވެ، ހަތިޔާރު ފޯރުކޮށްދޭތީ ރަޝިއާ ވެސް ޔުކްރެއިން ހަނގުރާމައިގައި ގެންގުޅޭކަމަށް މުހައްލިލުން ވިދާޅުވަނީ މި ސްޓްރެޓެޖީއެވެ.
ހިޒްބުﷲ އާއި ހަމާސް ފަދަ މިނިވަންކަމުގެ ހަނގުރާމަ ކުރާ ޖަމާއަތްތަކާއި އިސްރާއީލު ފަދަ އިސްތިއުމާރީ ބާރުތަކަކީ ހަތިޔާރާއި ވަސީލަތްތަކާއި ޓެކްނޮލޮޖީއަށް އަޅައިބަލާއިރު އިންތިހާއަށް ތަފާތު ބޮޑު ދެ ފަރާތެވެ. މިނިވަންކަމުގެ ހަނގުރާމަ ކުރާ މިފަދަ ޖަމާއަތްތަކުން އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް އަބަދު ވެސް ގެންގުޅެނީ "ވޯ އޮފް އެޓްރިޝަން" ނުވަތަ ދިގުލީ ހަނގުރާމައިގެ ސްޓްރެޓެޖީއެވެ.
ވިއެޓްނާމުން އެމެރިކާއާ ދެކޮޅަށް އަދި ކުރީގެ އަފްޣާން މުޖާހިދުން، ކުރީގެ ސޮވިއެޓް ޔުނިޔަންއާ ދެކޮޅަށް، އަދި ތާލިބާނުން އެމެރިކާއާ ދެކޮޅަށް ކުރި ހަނގުރާމަތަކުގައި މުޅިން ވެސް ގެންގުޅުނީ "ވޯ އޮފް އެޓްރިޝަން" ގެ ސްޓްރެޓެޖީއެވެ.
މިއާއެކު ވެސް ހިޒްބުﷲ މިއަދުވަނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގެ ތިންތަނަކަށް މެދުރާސްތާގެ މިސައިލުން ހަމަލާދީފައެވެ. އޭގެ ކުރިން 120 ކިލޯމީޓަރުގެ މިސައިލުން ވެސް ހިޒްބުﷲއިން ވަނީ އިސްރާއީލަށް ދެ ހަމަލާއެއް ދީފައެވެ. ޔަމަންގެ ހޫޘީން މީގެ ހަތަރު ހަފުތާ ކުރިން އިސްރާއީލަށް ހަމަލާ ދިނީ 2،000 ކިލޯމީޓަރުގެ ރޭންޖްގެ ދިގު ރާސްތާގެ އަޑަށްވުރެ ބާރަށް ދަތުކުރުކުރާ މިސައިލަކުންނެވެ.
ހިޒްބުﷲ މިއަދު ހަމަލާދިން ދެ ތަނުގެ ތެރެއިން އެއްތަނަކީ އިސްރާއީލުގެ ޖާސޫސީ އިދާރާކަމަށްވާ "މޫސާދު" ގެ ހެޑްކުއާޓަރެވެ. އަނެއް ތަނަކީ އިސްރާއީލުގެ ހަތިޔާރު އުފައްދާ ކާރުޚާނާއެކެވެ. މި ތަންތަނަށް ގެއްލުން ލިބުނުކަމުގެ މައުލޫމާތު އިސްރާއީލުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ހިޒްބުﷲ ބުނާގޮތުން އެ ޖަމާއަތުގެ މިސައިލްތަކުން މި ތަންތަނަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ބައެއް ތަންތަނުގައިވަނީ އަލިފާން ރޯވެފައެވެ.
ހިޒްބުﷲ އިން އިސްރާއީލުގެ އަސްކަރީ ތަންތަނަށް ހަމަލާދިން ނަމަވެސް އިސްރާއީލުން މައިގަނޑު ގޮތެއްގައި ހަމަލާދެނީ ލުބްނާނުގެ އާންމުންގެ ގެދޮރަށާއި ސްކޫލުތަކަށާއި ހޮސްޕިޓަލްތައް ފަދަ ލުބްނާނުގެ މަދަނީ ތަންތަނަށެވެ.
މި ތަންތަނަށް ހަމަލާދީ އިސްރާއީލުންވަނީ އިއްޔެއާއި މިއަދުވަނީ ލުބްނާނުގެ 600 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް، 3000 އަށް ވުރެ ގިނަ މީހުން ޒަޚަމުކޮށްލާފައެވެ. ހިޒްބުﷲ ގެ ހަމަލާތަކުގައި ވެސް އިސްރާއީލުގެ ގިނަ ބަޔަކު ޒަޚަމުވެފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އިސްރާއީލުގެ ސިފައިންނެވެ.