ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އެކަމަށް ސަމާލުވުމަށް އެދިއްޖެއެވެ.

މެޓް އޮފީހުން ބުނީ މެދުރާއްޖެތެރެއާއި ރާއްޖޭގެ އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުތަކުގެ އުސްމިނުގައި ހަ ފޫޓާއި ތިން ފޫޓުގެ އުސްމިން ހުންނާނެ ކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. ރާޅުގެ އުސްމިނުގައި ހަތް ފޫޓާއި ހަތަރު ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.

އެ އޮފީހުން ވަނީ މިއަދުގެ 13:15 އިން 19:00އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއ ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ.

އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފަކޮށްފައެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެން ވާކަމަށެވެ.

އެ އޮފީހުން ބުނީ ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލަށް ވައި ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.