25 Sep 2024, 13:30
ގޫގުލް ކްރޯމްއިން ޕާސްވާޑު ނެތި ލޮގިންވުމުގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ.
މި ޚިދުމަތް ގޫގުލް ކުންފުނިން ތަޢާރަފްކުރީ އެ ކުންފުނީގެ ވެބް ބްރައުޒަރު ކަމުގައިވާ ގޫގުލް ކްރޯމްގައި "ޕާސްކީ" ގެ ނަމުގައި އައު ޓެކްނޮލޮޖީއެއް ހިމަނައިގެންނެވެ. މި ޓެކްނޮލޮޖީއަކީ ޕާސްވާޑު ނެތި ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ލޮގިންވުމަށް ތަޢާރަފުކޮށްފައިވާ އައު ނިޒާމެކެވެ.
ގޫގުލްގެ ކްރޯމް ޕްރޮޑަކްޓް މެނޭޖާ ޗިރާގް ދެސާއީ ވިދާޅުވިގޮތުގައި މި އައު ފީޗާ މިހާރު ވިންޑޯސް، މެކް އޯއެސް، ލިނަކްސް އަދި އެންޑްރޮއިޑް ޕްލެޓްފޯމްތަކުގައި ބޭނުންކުރެވޭނެއެވެ. އަދި އައިއޯއެސް ޕްލެޓްފޯމަށް ވެސް މި ފީޗާ ތައާރަފުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕާސްކީގެ މައިގަނޑު ސިފައަކީ މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެއްފަހަރު ރަޖިސްޓާ ކޮށްފިނަމަ، އެ ޔޫޒާގެ އެހެން ޑިވައިސްތަކަށް ވެސް އޮޓޮމެޓިކުން ސިންކްވެގެންދިއުމެވެ. މީގެ ސަބަބުން ކޮންމެ ފަހަރަކު އަލުން ރަޖިސްޓާކުރާކަށް ނުޖެހޭނެއެވެ. އަދި ލޮގިންވުމަށް ހަމައެކަނި ފިންގާޕްރިންޓް ސްކޭންކުރުމުން ފުދޭނެއެވެ.
ދެސާއީ ވިދާޅުވިގޮތުގައި ޕާސްކީ ބޭނުންކުރުމުގެ ސަބަބުން ސައިބާ ސެކިއުރިޓީ ވަރުގަދަވެ، ހެކަރުންނަށް އެކައުންޓްތަކަށް ވަނުމަށް ދަތިވާނެއެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި ޕާސްކީތައް އެންޑް-ޓު-އެންޑް އެންކްރިޕްޓް ކުރެވިފައިވާތީ، ގޫގުލްއަށް ވެސް ޔޫޒަރުންގެ ޕާސްކީއަށް އެކްސެސް ނުކުރެވޭނެއެވެ.
އާންމު ޕާސްވާޑުތަކާ ޚިލާފަށް ޕާސްކީތަކަކީ ޑިވައިސްގައި ރައްކާކުރެވޭ އަދި ބަޔޯމެޓްރިކް ވެރިފިކޭޝަން ބޭނުންކޮށްގެން އެކްޓިވޭޓްކުރެވޭ ސެކިއުރިޓީ ކްރެޑެންޝަލްތަކެކެވެ. މި ނިޒާމުގެ ސަބަބުން ފިޝިން އަދި އެހެނިހެން އޮންލައިން ހަމަލާތަކުން ރައްކާތެރިވެވޭނެ ކަމަށް ގޫގުލްއިން ބުނެއެވެ.
ގޫގުލްގެ މި އައު ޓެކްނޮލޮޖީއަކީ އެޕަލް، މައިކްރޯސޮފްޓް އަދި ފިޑޯ އެލަޔަންސްއާ ގުޅިގެން ތަރައްޤީކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ޔޫޒަރުންނަށް ފަސޭހަކަމާއެކު އަދި ރައްކާތެރިކަމާއެކު އެކައުންޓްތަކަށް ލޮގިންވެވޭނެ ކަމަށް ބެލެވެއެވެ.