29 Jun 2012, 20:05
ރާއްޖެއަށް ލިބޭ ފައިސާ ރާއްޖޭގެ އިގްތިސޯދުގައި ހިފެހެއްޓިއްޖެ ނަމަ ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރެވޭނެ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަޑައަޅުއްވައިފައި ހުންނަވައި ސަފީރު ޑީއެމްމުލޭ ވިދާޅުވެއްޖެ އެވެ.
ގައުމެއް ބިނާ ކުރުމުގައި ޑިމޮކްރަސީގެ މުހިންމު ކަމުގެ ތަޖުރިބާ ފުލުހުންގެ އިސް އޮފިސަރުންނާއި ހިއްސާ ކުރުމަށް އިއްޔެ އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުލޭ ވިދާޅުވި ކަމަށް ފުލުސް އޮފީހުން ބުނީ ރާއްޖެއަކީ ގުތުރަތީ ރީތިކަން ލިބިފައިވާ އަދި ބޮޑު ޕަސެންޓެއް ތަޢުލީމު ލިބިފައިވާ ބަޔަކު އުޅޭ، ފަތުރުވެރިންނަށް މަޤުބޫލު ޤައުމަކަށް ވާއިރު ޤައުމަށް ލިބޭ ފައިސާ ޤައުމުގައި ހިފެހެއްޓިއްޖެނަމަ ޤައުމު އިގްދިޟާދު ރަގަޅުވެގެން ދާނެކަމަށެވެ.
ރާއްޖޭގެ ޑިމޮކްރަސީއަކީ ޅަފަތުގައި އޮތް ޑިމޮކްރަސީއެއްކަން ފާހަގަ ކުރައްވާ މުލޭ ވިދާޅުވީ ތަފާތު ހިޔާލުތަކާއި އެކުވެސް އެންމެން އެއްގަލަކަށް އަރައިފި ނަމަ ރާއްޖެއަކީ ދެކުނު އޭޝިޔާގެ އެއްވަނަ ގައުމަށް ވެވިދާނެ ކަމަށެވެ.
ދުނިޔޭގެ ތަޖުރިބާގެ މައްޗަށް އަލިއަޅުވާލައްވަމުން މުލޭ ނެންގެވީ އިނގިރޭސިންގެ އަތުން އިންޑިޔާ މިނިވަންވުމަށްފަހު އިންޑިޔާ ޑިމޮކްރަސީއަށް ކުރަން ޖެހުނު ދަތުރުގެ ތަޖުރިބާ އެވެ. މުލޭ ވިދާޅުވީ އިންޑިއާ މިނިވަންވުމަށް ފަހު ގިނަ ސްޓޭޓްތަކަކަށް ބެހުމަށްފަހު ދޫކޮށްލާފައިވާކަމަށާއި ނަމަވެސް ތަފާތު ޚިޔާލުތަކާއެކުއެވެސް އެންމެން ޤައުމަށްޓަކައި އެއްގަލަކަށް އަރައި މަސައްކަތްކުރި ކަމަށެވެ.
ތަރައްގީވެފައިވާ ގައުމުތަކުން މިސާލު ނަންގަވަމުން މުލޭ ވިދާޅުވީ ޖަޕާނުވެސް ހޯދަމުންދާ ތަރައްގީގެ އަސްލަކީ އެ ގައުމުގެ ރައްޔިތުން އެކަތިގަނޑަކަށްވެ ދައްކަމުންދާ ރިވެތި އަހުލާގު ކަމަށެވެ. އެގޮތުން މުލޭ ވަނީ ސުނާމީއަށް ފަހު އެ ގައުމު އާރާސްތުކުރުމަށް އެ ގައުމުގެ ރައްޔިތުން ދައްކަމުންދާ އެއްބައިވަންތަކަށް ފާހަގަ ކުރައްވައިފަ އެވެ.
ފުލުސް އޮފީހުން ބުނީ އިއްޔެގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަހީދު އާއި ފުލުހުންގެ އެހެން ސީނިއާ އޮފިސަރުން ބައިވެރިވި ކަމަށެވެ. މުލޭ ވަނީ ފުލުހުންގެ އޮފިސަރުން ކުރި ބައެއް ސުވާލުތަކަށްވެސް ޖަވާބުދެއްވައިފަ އެވެ.