25 Sep 2024, 10:01
އެމެރިކާގެ ނާއިބު ރައީސް އަދި ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ރައީސް ކަމަށް ވާދަކުރައްވާ ކަމަލާ ހެރިސްގެ, އެރިޒޯނާގައި ހުންނަ ކެމްޕޭން އޮފީހަށް ބަޑީގެ ހަމަލާއެއް ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ ހަމަލާ ދީފައި ވަނީ އެމެރިކާގެ އިދިކޮޅު ރިޔާސީ ކެންޑީޑޭޓް އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހަރަކޮށްލުމަށް ހަމަލާއެއް ދިން ފަހުން ހަފްތާއެއް ވެސް ނުވަނީހެވެ.
ފުލުހުންނާ ހަވާލާދީ ނިއު ޔޯކު ޕޯސްޓުން ބުނީ އެ ހަމަލާ ދީފައި ވަނީ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
ނަމަވެސް ހަމަލާދިން ވަގުތު އޮފީސްތެރޭ އެއްވެސް މީހަކު ނެތް ކަމަށް ޕަބްލިކް އިންފޮމޭޝަން އޮފިސަރު ސާޖަންޓް ރަޔަން ކޫކް ވިދާޅުވިއެވެ.
"އެ އިމާރާތުގައި މަސައްކަތްކުރާ މީހުންގެ އިތުރުން ކައިރީގައި ތިބި މީހުންގެ ސަލާމަތާ މެދު ކަންބޮޑުވުން އުފެދޭ." އޭނާ ވިދާޅުވިއެވެ.
ޑިޓެކްޓިވުން މިހާރު ދަނީ އެ ހާދިސާ ހިނގި ތަނުން އެއްކުރި ހެކިތައް ތަހުލީލު ކުރަމުން ކަމަށާއި، އެ ސަރަހައްދުގެ މުވައްޒަފުންނާއި އެހެން މީހުންގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިއީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ އޮފީހަށް ހަމަލާދިން ދެވަނަ ފަހަރެވެ.
ސެޕްޓެމްބަރު 16ވަނަ ދުވަހުގެ ދަންވަރުގެ ވަގުތުގައިވެސް އެ އޮފީހަށް ވަނީ ބަޑީގެ ހަމަލާއެއް ދީފައެވެ. އެ ފަހަރުގެ ހާދިސާގައި ވެސް ހަމަލާދިން ކަމަށް ތުހުމަތުކޮށް މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ހެރިސްގެ އޮފީހަށް ހަމަލާދީފައިވާއިރު، ޓްރަމްޕް އަވަހާރަކޮށްލުމަށް ސެޕްޓެމްބަރު 15ވަނަ ދުވަހު ދިން ހަމަލާއަކީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ދެވަނަ ހަމަލާއެވެ.
ކެމްޕޭން އިވެންޓަކަށް ހެރިސް ހުކުރު ދުވަހު އެރިޒޯނާގައި މަޑުކުރައްވަން ހަމަޖެހިފައިވާއިރު، މިއީ އޮގަސްޓް މަހު ޑިމޮކްރެޓިކް ނޭޝަނަލް ކޮންވެންޝަންގައި ނޮމިނޭޓްވި ފަހުން އެރިޒޯނާއަށް ހެރިސް ކުރައްވާ ދެވަނަ ދަތުރެވެ.