އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ މެދުތެރެއިން އެޓީމު އެކަތިގަނޑެއްގެގޮތުގައި ހިފަހައްޓާ މައި އެއް ތަނބު ކަމުގައިވާ ރޮޑްރީއަށް ލިބިފައިވި އަނިޔާއިން އަރައިގަންނަން ގިނަދުވަސް ނަގާނެކަމުގައި އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވިދާޅުވެއްޖެއެވެ.

ޕެޕް ވިދާޅުވީ، ރޮޑްރީގެ ކަކުލަށް އަނިޔާވެފައިވާ މިންވަރު އެއްކޮށް ދެނެގަނެވިފައިނުވާކަމަށާއި އަދިވެސް އެ ކްލަބުން މަޑު ކުރަނީ ޑޮކްޓަރުންގެ ރިޕޯޓަށް ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އޭނާގެ ފަޔަށް އަނިޔާވެފައިވާ މިންވަރު އެނގޭނެކަމަށް ގަބޫލު ކުރާކަމަށެވެ.

ރޮޑްރީއަށް އަނިޔާވެފަައިވަނީ މިދިޔަ އާދިއްތަ ދުވަހު އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައެވެ. މިގޮތުން އާސެނަލްގެ ތޯމަސް ޕާޓޭ އާއެކު ބޯޅައެއް ހޯދުމަށް އުޅުމުގެ ތެރޭގައި އޭނާގެ ފަޔަށް އަނިޔާވެ ވެއްޓުންތަން ފެނިގެންދިޔައެވެ. އެއާއެކު މެޗުގެ 21ވަނަ މިނެޓުގައި އޭނާ ބަދަލުކުރިއެވެ.

މިދިޔަ ހޯމަދުވަހު އޭނާވަނީ ޓެސްޓްތައް ހެދުމަށްޓަކައި ސްޕެއިނަށް ދަތުުރު ކޮށްފައެވެ. މިގޮތުން ފުރަތަމަ ބުރުގެ ޓެސްޓްތައް ހަދައިފައިވީ ނަމަވެސް އަނިޔާގެ ކުޑަ ބޮޑުމިން ދެނެގަތުމަށްޓަކައި އިތުރު ޓެސްޓް ތަކެއް ހަދަން ޖެހޭކަން ޑޮކްޓަރުން ހާމަކޮށްފައިވެއެވެ. އަދި ރޮޑްރީ އޮޕަރޭޝަނެއް ކުރަން ޖެހޭތޯ ނުވަތަ ކުރަންޏާ ކުރަންޖެހޭނީ ކިހާވަރެއްގެ އޮޕަރޭޝަނެއްކަން އެނގޭނީ ވެސް އެ ޓެސްޓުތަކުގެ ނަތީޖާއަށްފަހު ކަމަށްވެއެވެ.

ޔޫރޯ 2024ގައި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކޮށްފައިވާ ރޮޑްރީވަނީ މިދިޔަ ސީޒަންގައި ސިޓީއަށް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި ވޭތުވެދިޔަ 18 މަސް ދުވަހުގެ ތެރޭގައި އޭނާއަށް ގެއްލިފައިވަނީ ކްލަބާއި ޤައުމީ ޓީމްތަކުގެ މެޗުތަކަށް ބަލާއިރު އެންމެ މެޗެކެވެ. އަދި އޭނާވަނީ ސިޓީ އާއެކު މިދިޔަ ސީޒަންގައި ޔުއޭފާ ސުޕާ ކަޕްގެ އިތުރުން ކްލަބް ވާލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

މިފަހަރުގެ ބެލޮން ޑި އޯ ލިބުން ގާތް ކުޅުންތެރިންގެ ލިސްޓުގައި ވެސް ރޮޑްރީގެ ނަން އަންނަނީ ކިޔެމުންނެވެ.

ރޮޑްރީ ނެތްތަން ސިޓީ އާއި ސްޕެެއިން ޓިމުންވެސް ވަރަށް ބޮޑަށް ދައްކާނެކަމަށްވަނީ ބެލެވިފައެވެ. ޕެޕް ހާމަކުރިގޮތުގައި ރޮޑްރީ ވަރުގެ އެހެން ކުޅުންތެރިއެއް ލިބުމަކީ ނާދިރު ކަމެއް ކަމަށާއި ނަމަވެސް އެކަމަށް ކޮންމެވެސް ގޮތެއް ހޯދޭތޯ ބަލާނެއެވެ.

ރޮޑްރީ ކުޅުމާ ދުރަށް ގިނަ ދުވަސް ތަކަކަށް ދާން ޖެހިފައިވާއިރު އޭނާ އަށް ޔޫރޯގެ ފައިނަލް މެޗުގައި ލިބުނު އަނިޔާއަށް ފަހު ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައިވަނީ ވަރަށް ފަހުންނެވެ. މިގޮތުން ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި އިންޓާ މިލާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބްރެންޓްފަޑް އާއި ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގޮތުގައި މި ސީޒަންގައި ފުރަތަމަ ފަހަރަށް ފެނިގެންދިޔަ ރޮޑްރީވަނީ ޖެހިގެން އައި އިންޓާ މެޗުގައި ފުރަތަމަ އެގާރައިގާ ހިމެނިގެން ކުޅެފައެވެ.