25 Sep 2024, 08:46
މީގެ ދެ އަހަރު ކުރިން ޕާކިސްތާނުގައި ރިލީޒްކޮށްފައިވާ ފިލްމު "ދަ ލެޖެންޑް އޮފް މައުލާ ޖަޓް" އިންޑިއާގައި ރިލީޒްކުރަން ނިންމުމާ ގުޅިގެން އެ ކަމާ ދެކޮޅަށް އިންޑިއާގެ ސިޔާސީ ޕާޓީއަކުން އަޑުއުފުލައިފިއެވެ.
ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ފިލްމު އިންޑިއާގެ ސިނަމާތަކުގައި ރިލީޒްކުރުމާ ދެކޮޅަށް އަޑުއުފުލާފައިވަނީ މަހާރަޝްތުރާ ނަވްނިރްމަން ސެނާ (އެމްއެންއެސް) ނަމަކަށް ކިޔާ ސިޔާސީ ޕާޓީއަކުންނެވެ.
މި ޕާޓީގެ ސިނަމާ ވިންގްގެ ރައީސް ބުނެފައިވަނީ އިންޑިއާގައި ފިލްމު "ދަ ލެޖެންޑް އޮފް މައުލާ ޖަޓް" ނުދެއްކުމަށް އެ ކަމާ ގުޅޭ އިދާރާއަށް ވަރަށް ސާފުކޮށް އަންގާފައިވާނެ ކަމަށެވެ.
ޕާކިސްތާނުގެ ފިލްމުތައް އިންޑިއާގައި ދެއްކުން މަނާކުރުމަށް ގޮވާލަމުން މި ވިންގްގެ ރައީސަކަށް އައްޔަންކޮށްފައިވާ އަމެޔާ ހޯޕްކަރު ބުނެފައިވަނީ އެ ޤައުމުގެ ފިލްމީ ތަރިންނާއި ފަންނާނުންނަށް ވެސް އިންޑިއާގައި މަސައްކަތްކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. ޕާކިސްތާނު ފިލްމުތަކަށް އިންޑިއާގެ ސިނަމާއިން ފުރުސަތުދީ ފިލްމު އިންޑަސްޓްރީން އެ ޤައުމުގެ ފިލްމީ ތަރިންނަށް ފުރުސަތު ދީފިނަމަ ނަތީޖާ ވަރަށް ގޯސްވާނެކަމުގެ އިންޒާރު ވެސް އެ ޕާޓީން ވަނީ ދީފައެވެ.

ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ޕާކިސްތާނު ތަރިން--ފޮޓޯ/ކޮއިމޮއި
އިންޑިއާގައި ޕާކިސްތާނުގެ ފިލްމީތަރިންނާއި މިއުޒިކީ ދާއިރާގެ ވަރަށް ގިނަ ފަންނާނުން ވަނީ މަސައްކަތްކޮށްފައެވެ. އެކަން ހުއްޓުމަކަށް އައިސް ޕާކިސްތާނުގެ ފަންނާނުންނަށް އިންޑިއާގައި މަސައްކަތްކުރުމުގެ ހުއްދަ ބާތިލުކުރީ 2016 ވަނަ އަހަރު ޕާކިސްތާނުން ދިން ޓެރަރިޒަމް ހަމަލާ 'އުރީ'އަށް ފަހުއެވެ.
ނަމަވެސް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ޕާކިސްތާނުގެ ފިލްމީ ތަރިންނާއި ފަންނާނުން ބޭނުންކުރުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ޕެޓިޝަން އުވާލާއި، އިންޑިއާގައި މަސައްކަތް ކުރުމުގެ ހުއްދަ އެ ޤައުމުގެ ފަންނާނުންނަށް ދީފައެވެ.