25 Sep 2024, 08:39
އިންޑިއާގެ ޑާންސިންގް ސެންސޭޝަންގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ނޯރާ ފަތޭހީ ނައިޖީރިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސީކޭއާ އެކު މިއުޒިކް ވީޑިއޯއެއްގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފިއެވެ.
ނޯރާގެ އަމިއްލަ އިންސްޓަގްރާމްގައި މިކަން ހިއްސާކުރަމުން ބުނެފައި ވަނީ ކުރިއަށް އޮތީ ވަރަށް ހާއްސަ މަސައްކަތެއް ކަމަށާއި މިފަހަރު ގެނެސްދޭ އުފެއްދުމަކީ ސީކޭ އާއި ނޯރާ ގުޅިގެން ގެނެސްދޭ އުފެއްދުމެއް ކަމަށެވެ. ބޭރު ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ނައިޖީރިއާ ލަވަކިޔުންތެރިޔާ ސީކޭއާ އެކު ނޯރާ އުފައްދާ މިއުޒިކް ވީޑިއޯ އަންނަ ހަފުތާގެތެރޭ ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ނޯރާ ވަނީ ބުނެފައެވެ.

ނޯރާ ބޮލީވުޑް ފިލްމު "ކްރެކް"އަށް ސޮއިކުރިކަން އިއުލާނުކުރި ޕޯސްޓު -- ފޮޓޯ/ޓެލެގްރާފްއިންޑިއާ
ނެށުމުގެ ދާއިރާއިން ފިލްމު އިންޑަސްޓްރީގައި ކެރިއަރު ފެށި ނޯރާ ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައެވެ. އިންޑިއާގެ ޓެލެވިޒަން ޗެނަލްތަކުން ގެނެސްދޭ ބައެއް ޝޯތަކުގައި ފަނޑިޔާރުކަން ވެސް ކޮށްފައިވާ ބަތަލާއަކީ ނެށުމާއި އެކްޓުކުރުމުގެ އިތުރުން މިއުޒިކީ ދާއިރާގައި ވެސް މަސައްކަތްކުރާ ފަންނާނެކެވެ.
މި އަހަރުގެ ފެބްރުއަރީ މަހުތެރޭ ނޯރާ ދުނިޔޭގެ މަޝްހޫރު މިއުޒިކް ލޭބަލް، ވޯނާ މިއުޒިކް ގްރޫޕާ ގުޅުނުކަން އިއުލާނުކޮށްފައިވާއިރު މިހާތަނަށް ރިލީޒްކޮށްފައިވާ ނޯރާގެ މިއުޒިކް ވީޑިއޯތަކަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ހޯދާފައިވާ ލަވަތަކެކެވެ.
މަޝްހޫރު އައިޓަމް ލަވް "ދިލްބަރު"އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ނޯރާ އެންމެފަހުން ކުޅުނު ފިލްމަކީ މިއަހަރުގެ މާޗް މަހު ރިލީޒްކުރި ފިލްމު "މަޑްގާއޯން އެކްސްޕްރެސް"އެވެ. ނޯރާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުތެރޭ ރިލީޒްކުރުމަށް ތާވަލުކުރެވިފައި އޮތް ފިލްމު "މަޓްކާ"އިންނެވެ.