25 Sep 2024, 08:40
ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ކުންފުނީގެ ވެބް ކޮންޓެންޓް އުފައްދާ ދަރުމެޓިކް އެންޓަޓެއިންމަންޓުން ގެނެސްދިން "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް"ގެ ތިންވަނަ ސީޒަން ޕްރިމިއާ ކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.
އަންނަ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު މި ސީރީޒްގެ ތިންވަނަ ސީޒަން ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށާނެކަން އިއުލާނުކޮށްފައިވާއިރު ތިންވަނަ ސީޒަންގެ ނަން ވެސް ވަނީ ބަދަލުވެފައެވެ. މި ރިއަލިޓީ ޓެލެވިޒަން ސީރީޒްގެ ދެ ސީޒަނެއް މިހާތަނަށް ރިލީޒްކޮށްފައިވާއިރު ކުރީ ދެ ސީޒަނުގެ ނަމަކީ ވެސް "ފެބިއަލްސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް"އެވެ. ނަމަވެސް، ތިންވަނަ ސީޒަންގެ ނަމަކީ "ފެބިއަލްސް ލައިވްސް ވާސަސް ބޮލީވުޑް ވައިވްސް"އެވެ.
ތިންވަނަ ސީޒަންގެ ޕޯސްޓަރެއް ވެސް ބެލުންތެރިންނަށް ދައްކާލާފައިވާއިރު މުޅީން އާ މޫނުތަކެއް މި ފަހަރުގެ ސީޒަނުން ފެންނާނެއެވެ. އޭގެ ތެރޭގައި، ކުރީގެ ފިލްމީ ތަރިން ކަމަށްވާ ރިޝީ ކަޕޫރާއި ނީތޫ ކަޕޫރުގެ އަންހެން ދަރިފުޅު ރިދިމާ ކަޕޫރު ވެސް ހިމެނެއެވެ. ރިދިމާއަކީ ކަޕޫރު އާއިލާގެ އަންހެނުންގެ ތެރެއިން އާއްމުންނާ ވަރަށް ބީރައްޓެހިކޮށް އުޅެމުން އައި މީހެކެވެ.

ރިދިމާ ކަޕޫރު މަންމަ ނީތޫ އަދި ކޮއްކޮ/އެކްޓަރު ރަންބީރު ކަޕޫރާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
މީގެ ކުރިން ވެސް ފިލްމީ ދާއިރާއިން ރިދިމާއަށް ފުރުސަތު ލިބުނު ނަމަވެސް އެކްޓްކުރަން އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް ރިދިމާ ވަނީ ބުނެފައެވެ. ރިދިމާއާ އެކު ތިންވަނަ ސީޒަންއިން ދެން ފެންނާނީ ޕާސްކޯ ގްރޫޕްގެ އެޑްވައިޒަރު އަދި ކްރިއޭޓިވް ޑިޒައިނަރު ޝާލިނީ ލަސީގެ އިތުރުން ލަގްޒަރީ ފަރްނީޗަރު ބްރޭންޑެއްގައި ހިއްސާވާ ސީއީއޯ ކަލިއާނޫ ސާހާ ޗާވްލާއެވެ.
ފިލްމު އިންޑަސްޓްރީއަށް ނިސްބަތްވާ ބައެއް ތަރިންގެ އަނބިންތަކެއްގެ ޕޮޝް ދިރިއުޅުމުގެ ވައްޓަފާޅި ދައްކާ މި ސީރީޒްގެ ތިންވަނަ ސީޒަން މުޅީން ތަފާތުވާނެ ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.
ތިންވަނަ ސީޒަންއިން ވެސް ކުރީގެ ދެ ސީޒަންއިން ފެނުނު ބަތަލާ ނީލަމް ކޮތާރީއާއި ސަލްމާން ޚާންގެ ކޮއްކޮ ސުހައިލް ޚާންގެ ކުރީގެ އަންހެނުން ސީމާ ސަޖްދޭއާއި ކުރީގެ ފިލްމީ ތަރި ސަންޖޭ ކަޕޫރުގެ އަންހެނުން މަހީޕް ކަޕޫރު އަދި އެކްޓަރު ޗަންކޭ ޕާންޑޭގެ އަންހެނުން ބާވްނާ ޕާންޑޭ ފެންނާނެއެވެ.